އައު ވައްތަރުގެ މަތިންދާބޯޓު އީޖާދު ކުރަން އުޅެގެން ކުންފުނިތަކަށް ލަނޑު ލިބިފައި އެބަހުއްޓެވެ. ބޮމްބާޑިއާ ކުންފުނިވެސް ބަނގްރޫޓުވެ ދިޔައީ އެފަދަ މަސައްކަތެއްގައެވެ. އެކަމަކުވެސް މިހާރު މި ދުއްވާ މަތިންދާބޯޓުތައް ހުންނަ ގޮތަށް ހޮޅިއެއްގެ ތެރޭގައި މީހުން އިށީނދެގެން ދަތުކުރާ ވައްތަރުގެ ބޯޓުތަކުގެ ފަރުމާއަށް ބަދަލު ގެނަސް އައު ފަރުމާގެ ބޯޓުތައް އުފައްދަން ކުންފުނިތަކުން ބޭނުން ވެއެވެ. އައު ފަރުމާގެ ބޯޓުތައް ހުންނާނީ މަޑިއެއްގެ ސިފައިގައެވެ.
ޖެޓްޒީރޯއިން ބުނަނީ 2030ގެ ފަހުން އެވައްތަރުގެ ބޯޓުތައް އުދުހޭނެ ކަމަށެވެ. ކުރިއަށް އޮތް ތިން އަހަރަށް އަމާޒުކޮށްގެން ޖެޓްޒީރޯ އިން ދަނީ ބޯއިން ކުންފުނީގެ ފެކްޓްރީއާ އެއްވަރުގެ ފެކްޓްރީއެއް އެޅުމަށް ތައްޔާރު ވަމުންނެވެ.
މިމަސައްކަތުގައި އުޅެނީ ކުރިން ޓެސްލާގައި މަސައްކަތް ކުރި ޓޮމް އޯލީރީ އެވެ. އަދި އޭނާއާއެކު ބޮމްބާޑިއާއާއި މަތިންދާބޯޓު އުފެއްދި ލޮކްހީޑް މާޓިން ކުންފުނީގައި ކުރިން އުޅުނު ބަޔަކުވެސް މަސައްކަތް ކުރަމުން ދެއެވެ.
އެމެރިކާގެ އެއާލައިންތަކާއި އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ އައު އީޖާދީ ބޯޓު އުފެއްދުމަށް ހިތްވަރުދީ އެކަމަށް ފަންޑު ދޭނެ ކަމަށް ބުނެފައެވެ.
މިހާރުވެސް އެއާބަސްއާއި ބޯއިން ކުންފުންޏަށް ލިބިފައިވާ އޯޑަރުތައް ގިނަ ވެފައި އެ ދެކުންފުނީގެ މަސައްކަތް ލަސްވުމުން އައު ބަޔަކު ބޯޓު އުފެއްދުމުގެ ދާއިރާއަށް ނިކުތުމަކީ މަތިންދާބޯތު ދުއްވުމުގެ ވިޔަފާރީގައި އުޅޭ ފަރާތްތަކުން ބޭނުންވާ ކަމެކެވެ.
ޖެޓްޒީރޯގެ އިންޖިނިއަރިންގެ ހެޑް ފްލޮރެންޓީނާ ވިސްކޮޗީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑިޒައިންތައް ދައްކާލައި މަސައްކަތް ކުރިއަށްދާ ގޮތް ކިޔައިދީފައި ވެއެވެ. އޭނާ ބުނީ އަމާޒަކީ 2030 ގެ މެދުތެރެއިން ފަހުކޮޅާ ހަމައަށް މުޅިން އައު ޑިޒައިންއެއް ތައާރަފް ކުރުމެވެ.






