ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު" ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 3 ގައެވެ. މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން މިމަރުކަޒު ބިނާކުރުމަށް 8.8 ބިލިޔަން ޑޮލަރު ޚަރަދު ކުރާނެއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްއައިއެފްސީއަކީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންސް ސަރވިސަސް އޮތޯރިޓީގެ ދަށުން ހިނގާ މުއައްސަސާއެކެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ) އަކީ 21 ޖަނަވަރީ 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ. މި އިދާރާގެ މަގްސަދަކީ، 21 ވަނަ ޤަރުނުގެ މާލީ ދާއިރާގައި ރާއްޖެއަކީ، އިސް ދައުރެއް އަދާ ކުރާ ޤައުމެއްގެ ގޮތުން ހަރަކާތްތެރި ވުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމެވެ.
މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރަކީ، ދެމެހެއްޓެނިވި ގޮތަކަށް ފަރުމާކޮށްފައިވާ، މާލީ ޚިދުމަތް ދޭ ފައިނޭންޝަލް ފްރީޒޯނެކެވެ. މިއީ 8.8 ބިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.
އެމްއައިއެފްސީގެ ތަސައްވުރު ތަރައްގީ ކޮށްފައި ވަނީ، އާކިޓެކްޓް ޖިއާނީ ރަނައުލޯ އެވެ. މިއީ، ދުނިޔޭގެ މާލީ އިދާރާތަކާއި، މާލީ ޓެކްނޮލޮޖީ ކަމަށްވާ ފިންޓެކްގެ ދާއިރާގެ ފަރާތްތަކުން އިންވެސްޓުކުރުމަށް ޝައުޤުވެރިވާ ގޮތަށް، މަތީ ފެންވަރުގެ ދިރިއުޅުމަކަށް ފަރުމާކޮށްފައިވާ އިގްތިސާދީ ތަސައްވުރެއް ހިމެނޭ ޑިޒައިނެކެވެ.
އެމްއައިއެފްސީން ހިންގާ އިގްތިޞާދީ ޙަރަކާތުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ފަސް އަހަރުގެ ތެރޭގައި އިގްތިސާދަށް އެއް ބިލިއަން ޑޮލަރު އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
އެމްއައިއެފްސީގެ ފަރުމާގައި ތަފާތު އެކި އިމާރާތްތައް ހިމަނާފައި ވެއެވެ. އެއިން އެއް އިމާރާތަކީ، 3،500 މީހުންގެ ޖާގައިގެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. މިއީ ބައިނަލްއަޤްވާމީ ކޮންވެންޝަންތަކާއި އެފަދަ ހަރަކާތްތަކަށް ޚާއްސަކޮށްފައިވާ މަރުކަޒެވެ.
އެހެން އިމާރާތްތަކުގެ ތެރޭގައި މީހުން ދިރިއުޅުމަށާއި އޮފީސް އިމާރާތަށް ޚާއްސަ 3 ޓަވަރު ހިމެނޭނެއެވެ. އަދި މިސްކިތާއި ބައިނަލްއަޤްވާމީ ސްކޫލެއްވެސް މި ސަރަހައްދުގައި ގާއިމް ކުރެވޭނެ އެވެ. އޭގެ އިތުރުން، ކަނޑުގެ ތިމާވެށި ދައްކައިދޭ މިއުޒިއަމެއްވެސް ހިމެނޭނެއެވެ.
780 ހާސް އަކަ މީޓަރުގެ ސަރަހައްދެއްގައި ގާއިމްކުރާ މި ފައިނޭންޝަލް ސެންޓަރު ފަރުމާކޮށްފައިވާނީ 6500 މީހުންނަށް އުޅެވޭ ގޮތަށެވެ. އަދި ދުވާލެއްގެ މައްޗަށް 35 ހާސް މީހުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި




