ބަލޫޗިސްތާނުގައި މީހުން ގަދަކަމުން ގެއްލުވާލުމުގެ ރިޕޯޓްތައް އިތުރުވަމުންދާއިރު، އެންމެ ފަހުން ޕާކިސްތާނުގެ ސެކިއުރިޓީ ބާރުތަކުން ކަމަށް ބެލެވޭ ބަޔަކު ވަނީ މަދުވެގެން 4 މީހުން ނިޒާމުން ގެއްލުވާލާފައެވެ. އަދި ކުރިން ގެއްލިފައިޥާ ދަރިވަރަކު ނުރައްކާތެރި ހާލަތެއްގައި ދޫކޮށްލާފައިވެއެވެ.
ކެޗް ޑިސްޓްރިކްޓްގެ ތުރުބަތު ސިޓީގައި، ބަލޫޗް ހޮސްޕިޓަލް ކައިރިން ޕާކިސްތާނުގެ ސެކިއުރިޓީ ބާރުތަކުން ދެ މީހަކު ހައްޔަރުކޮށްގެން ނިޒާމުން ގެއްލުވާލާފައިވާ ކަމަށް ރިޕޯޓުކުރެވުނެވެ. އަވަށުގެ ހިސާބުގެ މަސްދަރުތަކުން ބުނާ ގޮތުގައި، 29 އޭޕްރީލްގައި، ހޯޝަޕްގެ ރައްޔިތެއް ކަމަށްވާ ޚުދާ ބަޚްޝް ހައްޔަރު ކޮށްފައި ވަނީ ހޮސްޕިޓަލް ކައިރިން ނެވެ. އަދި އޭނާ ގެންދިޔައީ ގޮތް ނޭނގޭ ތަނަކަށެވެ. ހަމަ އެދުވަހު، ތުރުބަތުގެ އަސްކާނީއިން އެހެން ރައްޔިތެއް ކަމަށްވާ ހަކީމް ބަލޫޗް ވެސް ހައްޔަރުކޮށް ނިޒާމުން ގެއްލުވާލާފައިވެއެވެ.
މި މީހުންގެ އާއިލާތަކުން ބުނާ ގޮތުގައި މި ދެމީހުންނަކީ އެއްވެސް ޣައިރު ޤާނޫނީ ޙަރަކާތަކާ ގުޅުމެއް ނެތް ބަޔެކެވެ. އަދި އެމީހުން ހައްޔަރުކުރެވުނު އިރު އާންމު ދިރިއުޅުމުގެ މަސައްކަތުގައި އުޅުނު ބަޔެއް ކަމަށެވެ.
މިފަދަ މައްސަލަތައް ރެކޯޑުކުރާ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާ ޕާންކް އިން މި ހާދިސާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް، މިއީ ޤަބޫލު ނުކުރެވޭ އަދި ބަލައި ނުގަނެވޭ ޒާތުގެ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ކަމުގައި ބުނެފައިވެއެވެ. މި ގްރޫޕުން ވަނީ ޚުދާ ބަޚްޝް، ހަކީމް ބަލޫޗް އަދި އެހެން ހުރިހާ ގެއްލުވާލެވިފައިވާ މީހުން ވަގުތުން ރައްކާތެރިކަމާއެކު ދޫކޮށްލުމަށް ޕާކިސްތާން ސަރުކާރަށް ގޮވާލާފައެވެ.





