221 ކާޓަން ސިގިރެޓު ފުލުހުންގެ ކުރިމައްޗަށް އެއްލާލި

ރޭގެ ވަގުތެއްގައި މާލޭގެ ރަސްގެފާނުމަގު ގައި ޕެޓްރޯލު ކުރަމުން ދިޔަ ފުލުހުންގެ ބަޔަކު ފެނިގެން ބަޔަކު ވަނީ އެމީހުން ގެންގުޅު ސިގިރެޓްތައް އެއްލާލައި ފިލައިފައެވެ. މި ކަމުގައި އުޅުނީ 3 ބިދޭސީންނެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރޭގެ ވަގުތެއްގައި ޕިކަޕެއްގައި ދިޔަ ބަޔަކު، ފުލުހުން ފެނުމާއެކު ކަޅު ދަބަސްތަކެއް މަގުމައްޗަށް ދޫކޮށްލުމަށްފަހު ފިލާފައިވެއެވެ. އަދި، އެ ދަބަސްތައް ފުލުހުން ބެލިއިރު އޭގައި 221 ކާޓަން ސިނގިރޭޓް ހުރިކަމަށް ވެއެވެ.
މި ހާދިސާއާ ގުޅިގެން ބޭރުގެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މި މައްސަލަ ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި ތަކެއްޗަކީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ތަކެތިކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ ކުރިންވެސް ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅުނު މައްސަލަތައް ހާމަވެފައިވެއެވެ. މިގޮތުން، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއްގައި ފޮރުވައިގެން 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަދި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައްދަން އުޅުނު އެއް ލައްކައަށް ވުރެ ގިނަ ސިނގިރޭޓު ހޯދާފައިވެއެވެ.

ހިއްސާ ކުރައްވާ!