ބީއެމްއެލްގެ ފުރަތަމަ ކުއާޓަރގެ ސާފު ފައިދާ 497 މިލިއަން ރުފިޔާއަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރެކޯޑު އަދަދެއްގެ ފައިދާ ހޯދައިފިއެވެ. ބޭންކުން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

ވޭތުވެދިޔަ ކުއާޓަރގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ބޭންކުން ބުނެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 72 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މި ކުއާޓަރގައި ބޭންކުން ލޯނު ދޫކޮށްފައިވާ އަދަދު 470 މިލިއަނަށް ވުރެ އިތުރުވެފައިވާކަމަށް ބޭންކުން ބުނެއެވެ.

ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ދައްކުވައިދޭ ގޮތުން، ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ. މިވަގުތު ބީއެމްއެލްއިން 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު، 165 އޭޓީއެމް އަދި އޭޖެންޓް ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. މީގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައްވެސް ބޭންކުން ފޯރުކޮށްދެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މިފަދަ ރަނގަޅު މާލީ ނަތީޖާއެއް ލިބުމަކީ މުޅި ރާއްޖެއަށް ބޭންކިންގެ ޚިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމަޢު ކުރިއަރުވަން އެހީތެރިވުމަށް ކުރާ މަސައްކަތަށް ލިބޭ އިތުރު ހިތްވަރެއްކަމުގައެވެ. އަދި ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!