ޖައުލާނީގެ ސަރުކާރުން އިޒްރޭލާ ސިއްރުން ވާހަކަ ދައްކަނީ ޔޫއޭއީގެ އެހީއާއެކު

ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިޒްރޭލާއި ސީރިއާއާ ދެމެދު ސުލްހައަށް މަގުފަހި ކުރުމަށް އަޑިއަޑިން މަޝްވަރާތައް ބާއްވައި ދެމުންދާ ކަމަށް އިޒްރޭލު މީޑިއާއިން ބުނެފިއެވެ. އެކަމާ ބެހޭ މައުލޫމާތު ލިބިފައިވާ 3 މީހަކާ ހަވާލާދީ ބުނެފައި ވަނީ، ނުސީދާކޮށް ބާއްވަމުންދާ މި މަޝްވަރާތަކަކީ، ސަލާމަތީ ކަންކަމާއި ޖާސޫސީ ކަންކަމާއި ރަސްމީ ގުޅުމެއް ނެތް ވާހަކަތަކެއް ކަމަށާއި މީގެ މަގްސަދަކީ ދެ ފަރާތް ދެމެދު އިތުބާރު އުފެއްދުން ކަމަށް ބުނެއެވެ.

އޭޕްރީލް 13 ވަނަ ދުވަހު ސީރިއާގެ ރައީސް އަހުމަދު އަލްޝަރުއު ޔޫއޭއީއަށް ޒިޔާރަތް ކުރެއްވިތާ ދުވަސްތަކެއް ފަހުން ފެށުނު މި މަސައްކަތަކީ މިހާރު ދެ ގައުމުގެ ގުޅުމާ ގުޅޭ ފަންނީކަންކަން ފައްކާ ކުރުމަށް ކުރާ  މަސައްކަތެއް ކަމަށް މި މައުލޫމާތު ފާއްދާލާފައިވާ ނަން ހާމަ ކުރަން ބޭނުން ނުވާ އެއް ފަރާތަކުން ބުނެއެވެ. އަދި ހުރިހައި ކަމެއް ރަނގަޅަށް ގޮސްފިނަމަ، ދެ ފަރާތް ދެމެދު ފަހުން މަޝްވަރާ ކުރެވިދާނެ ކަންކަމުގެ އެއްވެސް ހައްދެއް ނެތް ކަމަށް ވެސް ބުނެއެވެ.

ސީރިއާގެ ސެކިއުރިޓީގެ އިސް ފަރާތަކުން ރޮއިޓާސްއަށް ބުނީ އަޑިއަޑިން މަޝްވަރާ ކުރަމުންދާ ބައްދަލުވުންތަކުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބައެއް މައްސަލަތަކަށް ދެފަރާތުން ސާމާލުކަން ދީފައިވާ ކަމަށެވެ.

އެ ފަރާތުން ބުނާ ގޮތުގައި ޚުދު އަސްކަރީ ކަންކަމާއި ޚާއްސަކޮށް ސީރިއާގައި އިޒްރޭލު ސިފައިންގެ ހަރަކާތްތަކާ ގުޅޭ ކަންކަމަކީ މި މަޝްވަރާގެ ބައެއް ނޫން ކަމަށެވެ.

ޖާސޫސީ މަސްދަރުން ބުނާ ގޮތުގައި މި ވާހަކަތައް ކުރިއަށް ގެންދިއުމުގައި ޔޫއޭއީގެ ސަލާމަތީ އޮފިޝަލުންނާއި ސީރިއާގެ ޖާސޫސީ އޮފިޝަލުންނާއި އިޒްރޭލުގެ ކުރީގެ ޖާސޫސީ އޮފިޝަލުން ބައިވެރިވެ އެވެ.

ސީރިއާގެ ރިޔާސަތާއި ޔޫއޭއީގެ ފޮރިން މިނިސްޓްރީން މިކަމަށް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދައެވެ.

މި މަޝްވަރާގެ މަސައްކަތް ފެށިފައި ވަނީ މިދިޔަ ހަފްތާގައި ސީރިއާއަށް އިޒްރޭލުން ދިން ހަމަލާތަކުގެ ކުރިންނެވެ.

ހިއްސާ ކުރައްވާ!