ޖަޕާން ސަރުކާރުން ދިވެހި ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
ޖަޕާން ސަރުކާރުގެ 'އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް' ގެ ދަށުން ހަދިޔާކުރާ މި ދެ އުޅަނދަކީ "ހާބާރ ކްރާފްޓް ޕެޓްރޯލް ވެސަލް" އެވެ. މި އުޅަނދުތައް ހަދިޔާކުރުމުގެ މަޤްޞަދަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގެ ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯ އެވެ.
މި މަޝްރޫޢުގެ ދަށުން ޖަޕާން ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 400 މިލިއަން ޖަޕަނީސް ޔެން (2.8 މިލިއަން އެމެރިކާ ޑޮލަރު) ދޭން ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވި ގޮތުގައި މި އުޅަނދުތައް ލިބުމުން ކޯސްޓްގާޑުގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، ކަނޑުގެ ޤާނޫނު ތަންފީޒުކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކައުތެރިކަން އިތުރުކުރުމުގެ ޤާބިލުކަން އިތުރުވެގެން ދާނެއެވެ. އަދި ރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރގެ ވާހަކަފުޅުގައި، ޖަޕާން ސަރުކާރުން ގެންގުޅުއްވާ "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" ސިޔާސަތުގެ ދަށުން އިންޑޯ-ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޖަޕާން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަން އަރުވިއެވެ.
ދެޤައުމުގެ ދެމެދުގައި އޮތް ގާތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫޢު ތަކުން ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރައްވައި، ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ވެރިންނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.





