އިންސާނީ ހައްގުގެ ދާއިރާ ހަރުދަނާކޮށް ޖިނާއީ ޢަދުލު އިޞްލާޙު ކުރުމަށް ފިޔަވަޅުތަކެއް ތައާރަފް ކުރައްވަނީ

އިންސާނީ ހައްޤުތަކުގެ ދާއިރާ ހަރުދަނާކޮށް، ޖިނާއީ ޢަދުލުގެ ނިޒާމު އިޞްލާޙުކޮށް، ޖަލުގެ ތޮއްޖެހުން ކުޑަކުރެއްވުމުގެ ގޮތުން ހަރުދަނާ ނިޒާމީ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މިއަދު ކުރިއަށް ގެންދެވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވާނުވާ ބަންދުގައި ތިބި ގިނަ ބަޔަކު، ޤާނޫނީ އިމުގެ ތެރެއިން ދޫކޮށްލުމަކީ އެމަނިކުފާނުގެ ވިސްނުންފުޅެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިވާހަކަ މިއަދު ހާމަކުރެއްވިއިރު އޭގެ 24 ގަޑިއިރު ކުރިން އެމަނިކުފާނު ވަނީ ވާނުވާ ބަންދުގެ މީހުންގެ މައްސަލަތަކުގައި ވަކާލާތުކުރާ އާންމުންގެ ބޭފުޅުންނާ ބައްދަލު ކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އައްސަވާފައެވެ. އެ ބައްދަލު ކުރެއްވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަން ނިމުމަކަށް ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވާނުވާ ބަންދުގައި ރައްޔިތުން ބައްތިއްބައިގެން ރޫލް އޮފް ލޯ ހިންގުމަކީ މިދިޔަ ސަރުކާރުތަކުން ނިޒާމީ ސިފައެއްގައި ބޭނުންކޮށްފައިވާ އަދި މިސަރުކާރަށްވެސް ވާރުތަވެފައިވާ އިދާރީ އާދައެކެވެ. އެކަން ބަދަލު ކުރެއްވުމުގެ ޔަގީންކަން ރައީސް ޑރ. މުޢިއްޒު ވަނީ ކެމްޕޭން ތެރޭގައިވެސް ރައްޔިތުންނަށް ދެއްވާފައެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންސާނީ ޙައްޤުގެ ޙާލަތު ރަނގަޅު ކުރުމަށް އަޅާ މިފަދަ އިސްލާޙީ ފިޔަވަޅަކަށް، އެމަނިކުފާނު މިދިޔަ އަހަރު ތަޞްދީޤު ކުރެއްވި ކަފާލާތުގެ ޤާނޫނު ޖާގަ ދޭ ކަމަށެވެ. އެ ޤާނޫނުގެ ދަށުން އިލެކްޓްރޯނިކް މޮނިޓަރިންގެ ނިޒާމެއްގައި މީހުން ޖަލުން ދޫކޮށްލުމަށް ފުރުސަތު އޮވެއެވެ.

ވާނުވާ ބަންދުގެ ނިޒާމު އިޞްލާޙު ކުރުމަށް ގެންގުޅުއްވާ ތަޞައްވުރު ޙިއްސާ ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަރުގެ މައްސަލަތަކާއި އެފަދަ ބޮޑެތި ޖިނާއީ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނަށް ކަފާލާތުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްލާޙީ ތަޞައްވުރު އިތުރަށް ތަފްޞީލުކޮށް ދެއްވަމުން މިއަދު ވިދާޅުވީ، ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެން ނުވަތަ ތިންބައިކުޅަ އެއްބައި މީހުން، އިލެކްޓްރޯނިކް ޓެގް އަޅުވައިގެން ދޫކުރެވޭތޯ ބައްލަވާނެ ކަމަށެވެ. އަދި އެމީހުން ދޫކޮށްލަނީ މައްސަލަ ބަލައި ނިމެންދެންނެވެ.

މިކަމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ފެށިފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ކަމާ ގުޅޭގޮތުން ޕީޖީ އޮފީހާއި، ފުލުހުންނާއި، ބަންޑާރަ ނާއިބާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މިއަދުގެ ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރެއްވުމުގެ ތަޞައްވުރެއްވެސް ހުށަހަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުދިކުދި އާދައިގެ މައްސަލަތައް ބަލައި ގިނަ ބަޔަކަށް ލުއި ދިނުމުގެ ގޮތުން (ނަން ކަސްޓޯޑިއަލް ސެންޓެންސް ހިމެނޭ ގޮތަށް) އެފަދަ މައްސަލަތައް ފައިލް ކުރެވޭނެ ނިޒާމެއް އޮތްތޯވެސް ބައްލަވާ ކަމަށެވެ.

ޖިނާއީ ޢަދުލުގެ ނިޒާމުގެ އިސްލާޙަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ މި ފިޔަވަޅުތަކަކީ އައު ޤާނޫނުލްއުޤޫބާތަށް އަމަލު ކުރަން ފެށިފަހުން ތަޢާރަފް ކުރެވޭ އެންމެ މުހިންމު އިޞްލާޙެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ޖަލުގެ އާބާދީ އެންމެ ގިނަ ޤައުމުކަމުން، ރައީސުލްޖުމްހޫރިއްޔާގެ މިޞްލާޙީ ފިޔަވަޅުން، އިންސާނީ ހައްޤުތައް ހަރުދަނާ ކުރުމަށް މިދައުރުގައި މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

"ވާނުވާ ބަންދު"ގެ މައްސަލާގައި ވަކަލާތު ކުރައްވާ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ހިއްސާ ކުރައްވާ!