އީރާނަށް އުދުވާނީ ހަމަލައެއް ދިނުމަކީ ޓްރަމްޕްގެ ސިކުނޑީގައި އޮތް ކަމެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް އުދުވާނީ ހަމަލައެއް ދޭން ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އީރާނުގެ ޔުރޭނިއަމް ފައްކާ ކުރާ ސެންޓްރިފިއުޖްތައް އަމިއްލައަށް ހުރެފައި ގޮވަންވީ އެވެ. އަދި އެތަކެތި ނު ގޮވައިފިނަމަ އޭނާ ހުންނެވީ ހަމަލައެއްގައި އެތަކެތި ގޮއްވާލަންވެސް ތައްޔާރަށް ކަމަށެވެ.

މިއީ މިނިވަން މުސްތަގިއްލު ގައުމަކާ ދެކޮޅަށް ތަހުޒީބު މުޖުތަމައެއްގައި ވެރިއަކު ބުނާނެ ފަދަ ވާހަކައެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަކީ ޑިޕްލޮމެސީގެ ރިވެތި އާދަކާދައާ ބީރައްޓެހި ސަރުކާރެކެވެ.

ޓްރަމްޕްގެ މިފަދަ ބަޔާންތައް އަންނަނީ އޭނާގެ އާއިލީ ވިޔަފާރި މަސްލަހަތު އޮންނަ އަރަބި ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާއާއި ގަތަރާއި ޔޫއޭއީއަށް ވަޑައިގަތުމުގެ ކުރިންނެވެ. އަންނަ ހަފްތާގެ ހޯމައިން ފެށިގެން ހަފްތާ ނިމެންދެން ޓްރަމްޕް އުޅުއްވާނީ އަރަބި ޝާހީ އާއިލާތަކުގެ މެހުމާންދާރީގައެވެ.

އޭނާގެ ދަތުރުފުޅުގެ ކުރިން އޭނާގެ ދަރި ވަނީ ޤަތަރުގައި މުއްސަނދިންނަށް ބިޔަ ސިޓީއެއް ބިނާކުރުމަށް ސޮއިކޮށްފައެވެ. އެމަސައްކަތުގެ ކޮންސްޓްރަކްޝަން ދީފައި ވަނީ ސައުދީ ކުންފުންޏަކަށެވެ. އޭގެ އިތުރުން ޔޫއޭއީއަކީ ތްރަމްޕްގެ އާއިލާގެ ކްރިޕްޓޯ ކަރަންސީ އިންވެސްޓު ކުރާ މަރުކަޒެވެ. އެމެރިކާ ކޮންގްރެސްއިން ދަނީ ބިޓްކޮއިން މެދުވެރިކޮށް ޓްރަމްޕްގެ އާއިލާއަށް ހިންގައިދޭ ކޮރަޕްޝަން ހުއްޓުވުމަށް ޖީނިއަސް ގެ ނަމުން ގާނޫނެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އީރާނަށް އުދުވާނީ ހަމަލައެއް ދިނުމުގެ ވާހަކަ ޓްރަމްޕް ދައްކާފައި ވަނީ ކޮންޒަވޭޓިވް ޓޯކް ޝޯ ހޯސްޓް، ހޫ ހެވިޓްގެ ރޭޑިއޯ ޝޯގައި ދިން އިންޓަވިއުއެއްގައެވެ.

ހިއްސާ ކުރައްވާ!