ޣައްޒާގައި 24 ގަޑިއިރު ތެރޭ 100 ޝަހީދުން

ބުދަ ދުވަހު ހެނދުނުން ފެށިގެން މިހާތަނަށް އިޒްރޭލުން ޣައްޒާގައި ފަލަސްޠީނު މީހުންގެ 107 މީހުން ޝަހީދުކޮށްލައިފިއެވެ. މިއާއެކު، ވޯލްޑް ސެންޓްރަލް ކިޗަން ފަދަ ބައިނަލްއަޤްވާމީ ޚައިރާތީ ޖަމްޢިއްޔާތަކުން ދެމުންގެންދާ އެހީތައް އިޒްރޭލުގެ ހިސާރަ ކުރުމުގެ ސަބަބުން އިތުރަށް މަސައްކަތް ކުރިއަށް ގެންދެވެން ނެތްކަމަށް މިއަދު އިޢުލާނުކޮށްފިއެވެ.

ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދީފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ހަމަލަތަކުގައި ގެތަކާއި، މާރުކޭޓުތަކާއި، އަދި ހިޖުރަކޮށްފައިވާ މީހުން ހިމާޔަތް ހޯދަމުންދާ ސްކޫލުތަކަށް އަމާޒުކށްފައި ވެއެވެ.

ބައިތު ލަހިޔާގައި ޔަހޫދީން ދިން ހަމަލާއެއްގައި އެއް ގެއަކުން މަދުވެގެން ތިން މީހުން ޝަހީދު ކުރިއެވެ. އަދި އައްޒައިތޫން ސަރަޙައްދުގައި ޑްރޯން ހަމަލާއަކުން ދެ އާންމު ރައްޔިތުން ޝަހީދު ކުރިއެވެ.

ހަނގުރާމަވެރި މަތިންދާބޯޓުތަކުން ނުސައިރާތު ކޭމްޕަށް ވެސް ގަދައަށް ބޮންއެޅިއެވެ. މިކަމުގެ ސަބަބުން ސިވިލް ޑިފެންސް ޓީމުތަކަށް ވަނީ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް ހުރަސް އެޅިފައެވެ.

އެންމެ ގިނަ މީހުން ޝަހީދުކޮށްފައި ވަނީ ޣައްޒާ ސިޓީގައެވެ. އައްރިމާލް ސަރަޙައްދުގެ ރެސްޓޯރަންޓުތަކަކާއި މާރުކޭޓަކަށް ދެވުނު ހަމަލާއެއްގައި 32 މީހަކު ޝަހީދުކޮށް، 86 މީހުން ޒަޚަމްވިއެވެ. މި ހަމަލާގައި ނޫސްވެރިޔާ ޔަޙްޔާ ޞުބައިޙް ވެސް ޝަހީދުކޮށްފައި ވެއެވެ.

އިންސާނީ ތާރީޚުގައި އެންމެ ގިނައިން ނޫސްވެރިން ޝަހީދުކުރީ ޔަހޫދީންނެވެ. އެއީ ޣައްޒާގައެވެ.

ހިއްސާ ކުރައްވާ!