މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުން ފެނުނު ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގެއިން ވެއްޓުނު މައްސަލައިގައި އާ ތަފްސީލުތަކެއް ޔުމްނުގެ ޢާއިލާއިން ހާމަކޮށްފިއެވެ. ޗެނަލް 13 އާއި ރާއްޖެ ޓީވީ މެދުވެރިކޮށް ދުރަށް ދެއްކި ލައިވް އިންޓަވިއުއެއްގައި ޔުމްނުގެ ދައްތަ ބުނެފައި ވަނީ، ޔުމްނު ވެއްޓުނު އިރު އެތަނުގައި ރައުދުގެ އިތުރުން ހަތަރު މީހަކު ތިބި ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ. އަދި ޔުމްނު ކިޔައިދިން ގޮތުގައި އެ ގެއަކީވެސް ރެންޑަމްކޮށް ހޯދައިގެން ދިޔަ ގެއެއް ނޫން ކަމަށެވެ.
ޔުމްނު ފެންޓެނޯއީއަށް ދިޔައީ އެ މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، އޭނާއަށް ލޮކޭޝަން ފޮނުވައިގެން ދިން ދަޢުވަތަކަށް ކަމަށް ޢާއިލާއިން ބުނެ އެވެ. އަދި ފެންޓެނޯއީއަށް ޔުމްނުއާއެކު ވަން ރައުދު އަހުމަދު ޒިލާލުގެ އިތުރުން ޔައްސާރާއި އިތުރު ތިން މީހަކުވެސް އުޅުނު ކަމަށް ޔުމްނުގެ ދައްތަ މިރޭ ކިޔައިދިނެވެ.
ޢާއިލާގެ ފަރާތުން ވަނީ ޔުމްނުގެ މައްސަލާގައި ފުލުހުން ކަންކޮށްފައިޥާ ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އޭނާގެ ދައްތަ ބުނެފައިވަނީ ޔުމްނުގެ މައްސަލައިގައި ފުލުހުން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށެވެ. އަދި ޔުމްނުގެ ފޯނު ބަލަން ޢާއިލާއިން ބޭނުންވުމުން އެކަމަށްވެސް ފުލުހުން ހުރަސް އަޅާފައިވާ ކަމަށާއި، ޔުމްނުގެ މައްސަލައިގައި ޢާއިލާއާ އެއްވެސް ގޮތަކަށް މުއާމަލާތު ކުރަން ފުލުހުން ބޭނުން ނުވި ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލަ ތަޙްޤީޤުކުރުމަށް އުފައްދާފައިވާ ކޮމިޝަނުން އަދިވެސް ޢާއިލާގެ ބަހެއް ހޯދާފައިނުވާ ކަމަށްވެސް ޢާއިލާއިން ފާހަގަކޮށް ފައިވެއެވެ. އެހެންނަމަވެސް، މިއަދު، ކޮމިޝަނުން ވަނީ ޔުމްނުގެ މައްސަލައާ ގުޅޭ ފަހުގެ އަޕްޑޭޓްތައް ފޯރުކޮށްދީ، މައްސަލައާ ގުޅުންހުރި ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް ޚާއްޞަ ޕޯޓަލެއް ޤާއިމްކޮށް ޢާންމުންނަށް ހުޅުވާލާފައެވެ.
ޔުމްނު ޢާއިލާގެ މެންބަރުންނާ ހިއްސާކުރި ވާހަކައަކީ އޭނާއަށް އިންސާފު ލިބޭނެތޯ އާއި، އެ ހާދިސާއަކީ އޭނާ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް ބުނާކަމަށް ޢާއިލާއިން ހާމަކޮށްފައިވެއެވެ.
ޔުމްނުގެ މައްސަލައަކީ މުޅި ޤައުމުގެ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ޙަޤީޤަތް ހޯދުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު، އިންކުއަރީ ކޮމިޝަނުން ޤާއިމްކޮށްފައިވާ އޮންލައިން ޕޯޓަލްއަކީ މި މައްސަލައިގައި އިތުރު މަޢުލޫމާތު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.



