ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު މި މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ބުނެއެވެ.
ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، ޕާކިސްތާނުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައި، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ކަމެއް ދިމާވެއްޖެނަމަ ގުޅަން ޖެހޭ ހޮޓްލައިންގެ މައުލޫމާތުވެސް ދީފައި ވެއެވެ.
- ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅޭނެ ނަންބަރަކީ: 923008504143+
- ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރަކީ: 7983400



