ދެ ޤައުމުގެ ބޯޑަރު ސަރަހައްދުތަކުގައި ކަރަންޓު ކަނޑާލައި. ހަނގުރާމައިގެ މާހައުލެއް އުފެދިއްޖެ

އިންޑިއާއާއި ޕާކިސްތާނު ދެމެދު ހަމަލާތައް ބަދަލުކުރުމުގެ ސަބަބުން އިންޑިއާގެ ބޯޑަރު ސަރަހައްދުތަކުގައި ކަރަންޓު ކަނޑާލަން ޖެހި، ހަނގުރާމައިގެ މާހައުލެއް އުފެދިއްޖެއެވެ. އިންޑިއާގެ މަސްދަރުތަކުން ބުނާ ގޮތުގައި ޕާކިސްތާނުގެ އެފް-16 އާއި ޖޭއެފް-17 ގެ ދެ މަތިންދާބޯޓު ވައްޓާލާފައިވެއެވެ. މި ބޯޓުތައް ވައްޓާލީ ޖަމްމޫ އާއި ޕަންޖާބުގެ އެތައް ތަނަކަށް އިސްލާމްއާބާދުން ހަމަލާތައް ދިނުމުން ކަމަށް އިންޑިއާ ސަރުކާރުގެ މަސްދަރުތަކުން ބުނެފައިވެއެވެ.

ޖައްމޫ ކަޝްމީރާއި ޕަންޖާބް، ރާޖަސްތާންގެ ބޯޑަރު ސަރަހައްދުތަކަށް މިސައިލާއި ޑްރޯނުން ހަމަލަ ދިނުމާ ގުޅިގެން އެސަރަހައްދުތަކުން ރޭ ކަރަންޓު ކަނޑާލަން ޖެހުނެވެ. އިންޑިއާގެ ވައިގެ ދިފާޢީ ބާރުން ބުނެފައިވަނީ އެއަރ ޑިފެންސް ސިސްޓަމް އެކްޓިވޭޓް ކޮށްފައިވާ ކަމަށާއި ޕާކިސްތާނުގެ ހުރިހާ ޑްރޯންތަކާއި މިސައިލްތައް ވައްޓާލާފައިވާ ކަމަށެވެ.

އިންޑިއާއިން ބުނާ ގޮތުގައި ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސް ކައިރިން ޕާކިސްތާނުގެ އެއާބޯން އާލީ ވާނިން އެންޑް ކޮންޓްރޯލް ސިސްޓަމް (އެވާކްސް)ގެ މަތިންދާ ބޯޓެއް ވައްޓާލާފައި ވެއެވެ. ނަމަވެސް، އިންޑިއާއިން ވައްޓާލި ބޯޓުގެ ފޮޓޯއެއް އަދި ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް، ޕާކިސްތާން މީޑިއާއިން ވަނީ އިންޑިއާއިން ފޮނުވާލި އިޒްރޭލުގެ ޑްރޯންތައް ވައްޓާލާފައި އެތަކެތީގެ ސީރިއަލް ނަންބަރު ދައްކާފައެވެ. ޕާކިސްތާނުން ބުނެފައިވަނީ އިންޑިއާއިން ހަމަލަދޭން ބޭނުން ކުރި 25 ޑްރޯން ވައްޓާލާފައިވާނެ ކަމަށެވެ.

އިންޑިއާއިން ބުނާ ގޮތުގައި އިންޑިއާގެ 15 ސިޓީއަކަށް އަމާޒުކޮށްގެން ޕާކިސްތާނުން ދޭން އުޅުނު ހަމަލަތައް ނާކާމިޔާބު ކޮށްފައިވެއެވެ. އަދި ޕާކިސްތާނުން ދިން ހަމަލާގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޑަރު ސަރަހައްދުތަކުން ކަރަންޓް ކަނޑާލާފައިވާ ކަމަށް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، ޖައްމޫ އާއި ކަޝްމީރު، ޕަންޖާބު، ރާޖަސްތާން އަދި ގުޖުރާތުގެ ބޯޑަރު ސަރަހައްދުތަކުގައި ކަރަންޓު ކަނޑާލައި، އެއާ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓް ކޮށްފައިވެއެވެ. އަދި ބައެއް ސަރަހައްދުތަކުގައި ހަވާއެރުވުން ފަދަ ކަންކަން ކުރުން ވަނީ އެއްކޮށް މަނާކޮށްފައެވެ.

ހިއްސާ ކުރައްވާ!