ލައިން އޮފް ކޮންޓްރޯލްއާ ދިމާއިން އިންޑިއާއަށް ވަންނަން މަސައްކަތް ކުރި، ޕާކިސްތާނުގެ ޑްރޯން ހަމަލަތައް ނާކާމިޔާބު ކޮށްފި ކަމަށް މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ކާނަލް ސަފިއްޔާ ޤުރައިޝީ ވިދާޅުވެއެވެ. އޭނާ ވިދާޅުވީ، ރޭ، ލައިން އޮފް ކޮންޓްރޯލް އާއި ބައިނަލްއަގްވާމީ ބޯޑަރުގައި އިންޑިއާގެ ވައިގެ ސަރަހައްދަށް ޕާކިސްތާނުން އެތައް ފަހަރަކު ވަދެގަތުންތައް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ކާމިޔާބުކަމާއެކު އިންޑިއާ ސިފައިން ވަނީ އެ މަސައްކަތް ނާކާމިޔާބު ކޮށްލާފައެވެ.
ކާނަލް ސަފިއްޔާ ގުރައިޝީ ވިދާޅުވި ގޮތުގައި ޕާކިސްތާނު ސިފައިން ވަނީ ހުޅަނގު ސަރަހައްދުގެ އަސްކަރީ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށްގެން އާޓިލަރީ ބޭނުންކޮށްގެން ހަމަލަތައް ދީފައެވެ. އަދި ތަފާތު 36 ތަނެއްގައި ގާތްގަނޑަކަށް 300 އާއި 400 އާއި ދެމެދުގެ އަދަދެއްގެ ޑްރޯންތަކެއް ވައްދަން އުޅުނު ކަމަށްވެއެވެ.
މި ޑްރޯންތަކަކީ ތުރުކީގައި އުފައްދާފައިވާ އެސިސް ގާޑް ސޮންގާ މޮޑެލްތަކެއްގެ ގޮތުގައި އިބްތިދާއީ ފޮރެންސިކް ތަހުލީލުން ދެނެގަނެވުނު ކަމަށް އޭނާ ވިދާޅުވެއެވެ. މި ޑްރޯންތަކަކީ އިންޑިއާގެ ވައިގެ ދިފާއީ ނިޒާމުތައް ޓެސްޓްކުރުމާއި ޖާސޫސީ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ ޑްރޯންތަކެއް ކަމަށް ބެލެވެ އެވެ. މި ޑްރޯންތަކުގެ ތެރެއިން ގިނަ ޑްރޯންތައް ނިއުޓްރަލައިޒް ކުރުމަށް އިންޑިއާގެ ސިފައިންގެ ކުރި މަސައްކަތް ކާމިޔާބުވި ކަމަށް ވިދާޅުވި އެވެ.
ކާނަލް ގުރައިޝީ ވިދާޅުވީ ވައްޓާލާފައިވާ ޑްރޯންގެ ބައިތައް ފޮރެންސިކް ތަހުލީލުތައް ކޮށް އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ.
އިންޑިއާގެ ސިފައިން އަދިވެސް ހައި އެލާޓްގައި އޮތް ކަމަށް ޤުރައިޝީ ވިދާޅުވިއެވެ. އަދި އިތުރު ހަމަނުޖެހުމަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެލްއޯސީގައި ސަރވޭލަންސް ވަރުގަދަ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.




