އިންޑިއާ ސަރުކާރުން ބުނެފައިވަނީ ޕާކިސްތާނުން އެ ޤައުމުގެ ސިފައިން ބޯޑަރުގެ ކުރީ ސަރަޙައްދުތަކަށް ޖެހެމުންދާ ކަމަށެވެ. މިއީ 1999 ވަނަ އަހަރުގެ ކަރްގިލް ހަނގުރާމައަށް ފަހު ފުރަތަމަ ފަހަރަށް ޕާކިސްތާން ސިފައިން ބޯޑަރުގައި ކުރިއަށް ޖެހުނު ފަހަރެވެ. ނަމަވެސް އިންޑިއާގެ ސިފައިން ތައްޔާރަށް ސަމާލުވެ ތިބި ކަމަށް ބުނެއެވެ.
މިއަދު ހެނދުނު ނޫސްވެރިންނާ ވާހަކަ ދައްކަމުން، ޕާކިސްތާނުން 4 ސްޓޭޓެއްގައި ހުރި 26 އަސްކަރީ މަރުކަޒަކަށާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިން ކަމަށް ބުނެފައި ވެއެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވަނީ އިންޑިއާއިން ޕާކިސްތާނުގެ 6 އެއަރބޭސްއަކަށް އަމާޒުކޮށް ކާމިޔާބު ހަމަލަތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ހަނގުރާމައާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބައިވެރިވެފައި ވަނީ ސިފައިންގެ ވިންގ ކޮމާންޑަރ ވިޔޯމިކާ ސިންގ އަދި ކާނަލް ސފިއްޔާ ޤުރައިޝީ އެވެ. އެ ބޭފުޅުން ވިދާޅުވެފައިވަނީ ޕާކިސްތާނު ސިފައިން ބޯޑަރަށް ޖަމާކުރުމަކީ، އެއްގަމު މަގުން އަސްކަރީ ފޯވާޑް ހަމަލައެއް ދޭން އުޅޭކަމުގެ ނިޔަތް ދައްކުވައިދޭ ކަމެއް ކަމަށެވެ.
"ޕާކިސްތާނުގެ ސިފައިން އެ ޤައުމުގެ ސިފައިން ބޯޑަރު ސަރަޙައްދުތަކަށް ގެންދާތަން ފާހަގަކުރެވިފައިވޭ. މިއީ މި ހާލަތު އިތުރަށް ގޯސްކުރުމުގެ ނިޔަތުގައި ހަމަލާދޭން އުޅޭކަން ދައްކުވައިދޭ ކަމެއް. ނަމަވެސް، އިންޑިއާގެ އަސްކަރީ ބާރުތައް ވަރަށް މަތީ ދަރަޖައެއްގެ އޮޕަރޭޝަނަލް ތައްޔާރީއެއްގައި ދެމި އެބަ ތިބި. އަދި އަދާވާތްތެރި ހުރިހާ ޢަމަލުތަކަކަށް ހަރުދަނާކަމާއެކު ސާބިތުކަން ދައްކައި، އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވެފައިވާނެ،" ޤުރައިޝީ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހުގެ ފަތިހު، ޕާކިސްތާނުން 'އޮޕަރޭޝަން ބުންޔާނުން މަރްސޫސް' ފަށައިފައި ވެއެވެ. މި އޮޕަރޭޝަނުގައި ޖައްމޫ އަދި ކަޝްމީރު، ޕަންޖާބު، ރާޖަސްތާން އަދި ގުޖުރާތުގައި ހުރި އަސްކަރީ ތަންތަނާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް ޑްރޯންތަކާއި މިސައިލްތަކުން ހަމަލަ އަމާޒުކުރެވުނެވެ. މި އޮޕަރޭޝަންގެ ނަން ނަގާފައިވަނީ ޤުރުއާނުގެ އާޔަތަކުންނެވެ. އޭގެ މާނައަކީ ހަރުދަނާ އާރުލާ ބިންގާ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ޕާކިސްތާނުން އަސްކަރީ ތަންތަނަށް ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ ޑްރޯންތަކާއި، ދުރު ދުރުން ހަމަލާދެވޭ ހަތިޔާރުތަކާއި، ލޮއިޓަރިންގ މިއުނިޝަންތަކާއި، ފައިޓަރ ޖެޓްތަކެވެ.



