ހ. މިޓާޒްގޭގެ ފުރާޅުން އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް (21އ) ގެ ބަންދު އިތުރު 5 ދުވަހަށް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. މިއީ ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރެވުނު ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ކްރިމިނަލް ކޯޓުން ބަންދު އިތުރުކޮށްދީފައިވެއެވެ.
މި މައްސަލައިގައި ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. މި މައްސަލައިގައި ރައުދު ފިޔަވައި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ޔުމްނު ހިމެނޭހެން ޖުމުލަ 8 މީހެއްގެ ފޯނާއި ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ. މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށެވެ.
މެލޭޝިއާގައި ފަރުވާ ދެމުންދާ ޔުމްނު، އޭނާގެ އާއިލާއަށް ދީފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ އޭނާ ފުންމާލީ ނޫން ކަމަށާއި، ވައްޓާލީ ކަމަށެވެ. އަދި ރައުދު ފިޔަވައި އިތުރު ހަތަރު މީހަކު ތިބި ކަމަށާއި، ނަމަވެސް އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށް ޔުމްނު ބުނެފައިވެއެވެ.



