ސިންގަޕޫރާ ގުޅުވައިގެން ފެތުރަނީ ދޮގު ޚަބަރެއް: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނަށް އަންގާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނަށް އަންގާފައިވާ ކަމަށް ބުނެ ދިވެހިރާއްޖޭގައި ޝާއިޢުކުރަމުންދާ ޚަބަރުތަކަކީ ޙަޤީޤަތާ ޚިލާފު ޚަބަރުތަކެއް ކަމަށެވެ.

"ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީޚެއްގައި ސިންގަޕޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން ވަނީ މިނިސްޓްރީއަށް ކަށަވަރުކޮށްދެއްވާފައި" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަންވެސް ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ޤައުމުތަކާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމުން އޭގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މިހެންކަމުން، ހުރިހާ ފަރާތްތަކުންވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ޚާއްޞަގޮތެއްގައި އެކުވެރި ޤައުމުތަކާ ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރަމެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!