ހައްވާ ޔުމްނާ ރަޝީދު ވެއްޓުނު ހާދިސާ ތަޙްޤީޤުކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މަތިން ބޮޑެތި އަނިޔާތަކާއެކު ފެނުނު ޔުމްނުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ރިއާސީ ކޮމިޝަން އެކުލަވައި ލެއްވީ 27 އޭޕްރީލް 2025 ގައެވެ.
ކޮމިޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ކޮމިޝަންގެ މެންބަރުން ވަނީ މިހާތަނަށް މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކޮށްފައި ކަމަށެވެ. އަދި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ޔުމްނު ވެއްޓުނުއިރު އުޅުނު ރައުދު އަޙްމަދު ޒިލާލެވެ. ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހާފައެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އުޅުނު އަށް މީހެއްގެ ވަނަވަރުވެސް ހާމަކޮށްފައެވެ.
މިވަގުތު ޔުމްނާއަށް ދަނީ މެލޭޝިއާގައި ފަރުވާ ދެމުންނެވެ.
ރައީސް މުޢިއްޒު އުފައްދަވާފައިވާ ރިއާސީ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ޑރ. މުޙައްމަދު މުނައްވަރު (ގ. ހަސަންކާރިގެ)، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު (ވ. އަލްމާން)، ޑރ. މޫސާ މުރާދު (ދަފްތަރު ނަންބަރު ރސ 641)، ޖަބީން މުޙައްމަދު (ތ. ވޭމަންޑޫ، މޫނިމާގެ) އަދި އާމިނަތު އީނާސް (ހ. ހަބަރުގެ) އެވެ.


