ޣައްޒާއަށް ކާނާ ވެއްދުމަށް ޓްރަމްޕްގެ ސާފުނުވާ ޕްލޭން

އެމެރިކާ އިން ވަނީ ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އައު ޕްލޭނެއް ހާމަކޮށްފައެވެ. މިއީ އިޒްރޭލުގެ ހިސާރަ ކުރުމާއި ބަނޑަށް ޖެއްސުމަށް ހިންގަމުންގެންދާ ހަނގުރާމައިގެ ސަބަބުން 2.3 މިލިއަން ފަލަސްތީނު މީހުން ބަނޑަށް ޖެހިފައިވާ ދަނޑިވަޅެއްގައި ހަމަކޮށްފައިވާ ޕްލޭނެކެވެ. އަމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައިވާ ސަފީރު މައިކް ހަކަބީ މި ކަން ހާމަކުރީ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަފްތާގައި ސައޫދީ އަރަބިއްޔާ، ޤަޠަރު އަދި އެމިރޭޓްސްއަށް ކުރައްވާ ދަތުރުފުޅުގެ ކުރިންނެވެ.

އިޒްރޭލުން ބަނޑަށް ޖައްސާފައިވާ ޣައްޒާ ރައްޔިތުންނަށް އެހީވުމުގެ މި މަސައްކަތް އަވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު، މިކަން ބަލަހައްޓާނީ އަމިއްލަ ކުންފުނިތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުންނެވެ. އަދި އެހެން ސަރުކާރުތަކުގެ އެހީތެރިކަންވެސް މިކަމުގައި ހޯދާނެއެވެ.

ޓްރަމްޕްގެ އެހީ ބަހާ ޕްލޭންގެ ދަށުން ކާބޯތަކެތި އުފުލުމާއި ބެހުމުގެ ކަންކަމުގައި އިޒްރޭލް ބައިވެރިއެއް ނުވާނެއެވެ. ހަކަބީ ބުނި ގޮތުގައި އިޒްރޭލާ ހަމާސްއާ ދެމެދު މެދުވެރިއެއްގެ މަސައްކަތްތައް ހުއްޓިފައިވީ ނަމަވެސް، މި ޕްލޭން ހިންގުމަށްޓަކައި އިޒްރޭލުގެ ހަމަލަތަކާއި ހަނގުރާމަ ހުއްޓާލުމެއް ވެސް ނޯންނާނެ ކަމަށެވެ.

މި ޕްލޭންގައި ހިމެނެނީ "ރައްކާތެރި އެހީ ބެހުމުގެ ސަރަޙައްދުތައް" ގެ ގޮތުގައި ތަންތަން ކަނޑައެޅުމެވެ. މި ސަރަޙައްދުތަކުން ފުރަތަމަ އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް ކާންދިނުމަށްފަހު، ދެ މިލިއަނަށް މި އަދަދު އިތުރުކުރުމަށް ވަނީ ރޭވިފައެވެ. އަމިއްލަ ސެކިއުރިޓީ ބަޔަކު ގުދަންތަކުގައި ފޯރި މަރާނެއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް އެހީ ރައްކާތެރިކަމާއެކު ފޯރުކޮށްދޭނެއެވެ. ނަމަވެސް މި މަސައްކަތުގައި ބައިވެރިވާ ޖަމްޢިއްޔާތަކުގެ ނަންތައް ފަދަ ވަކިވަކި ތަފްޞީލުތައް އަދި އެނގޭކަށް ނެތެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރެވޭނެ ކަމަށް ބުނެއެވެ.

އިޒްރޭލުން ވަނީ ޣައްޒާއަށް ބޮން އަޅައި ރައްޔިތުން ގެދޮރު ދޫކުރަން މަޖުބޫރުކޮށް އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލާފައިވެއެވެ.

ޣައްޒާ މީހުން ބަނޑަށް ޖެހިފައިވާ ކަމުގެ އިންޒާރު އދން ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!