2007 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި، 2007 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފިއެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް ހުށަހެޅުއްވި، ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ހުށަހެޅި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމެވެ. މި ބިލު ޤާނޫނަކަށްވެ، އަންނަ ނޮވެމްބަރުން ފެށިގެން ޢަމަލު ކުރަން ފެށުމުން އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން އެއްކޮށް މަނާވާނެއެވެ.

ބިލުގައި ހިމެނޭ މުހިންމު ނުކުތާތަކުގެ ތެރޭގައި:

– އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖޭގައި ގެންގުޅުމާއި ބޭނުން ކުރުން މަނާކުރުން

– ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، ލައިސަންސް އޮތް ތަނަކުން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާކުރުން

– ދުންފަތުގެ ބާވަތްތައް ވިއްކާއިރު، ގަންނަ މީހަކީ ގާނޫނުން މަނާކޮށްފައިވާ ފަރާތެއް ނޫންކަން ޔަގީން ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއްކަން ކަނޑައެޅުން

މި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވީ މިދިޔަ އޭޕްރީލް މަހުގެ 30 ގައެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ތަޅުމަޅުމަށް ހުށަހެޅުމުން އިތުރު ބަދަލެއް ނުގެނެސް ކޮމިޓީން ނިންމި ގޮތަށް ފާސްވެފައި ވަނީ 63 މެންބަރުންގެ ވޯޓާ އެކުގައެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެކަންޏެވެ.

ހިއްސާ ކުރައްވާ!