ހަރުޔާނާގެ ދަތުރުވެރި ބްލޮގަރު ޖްޔޯތީ މަލްހޯތްރާއާއެކު ޕާކިސްތާނަށް ޖާސޫސްކޮށް ދިންކަމުގެ ތުހުމަތުގައި އިންޑިއާގެ 6 މީހަކު ހައްޔަރުކޮށްފިއެވެ. މިމީހުންނަށް ތުހުމަތު ކޮށްފައި ވަނީ އިންޑިއާގެ ހައްސާސް އަސްކަރީ މަރުކަޒުގެ ފޮޓޯތަކާއި ހަރަކާތްތަކުގެ މައުލުމާތު ޕާކިސްތާނުގެ ޖާސޫސުންނަށް ދިން ކަމަށެވެ.
މި ޖާސޫސީ ވިއުގަ އޮތީ ހަރިޔާނާ އަދި ޕަންޖާބުގައި ފެތުރިފައި ކަމަށް ފުލުހުން ބުނެއެވެ. މިކަމުގައި އެޖެންޓުންނާއި، މާލީ އެހީތެރިންނާއި، މަޢުލޫމާތު ދޭ ފަރާތްތައް ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.
"ޓްރެވަލް ވިތް ޖޯ" ނަމަކަށް ޔޫޓިއުބް ޗެނަލެއް ހިންގި މަލްހޯތްރާ، ވަނީ 2023 ވަނަ އަހަރު ޕާކިސްތާނަށް ޒިޔާރަތްކޮށް ފައެވެ. އަދި ނިއު ދިއްލީގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަންގެ މުވައްޒަފެއްކަމަށްވާ އިޙުސާނުއްރަޙީމް، އަދި އުރުފީ ނަމެއް ކަމަށްވާ ދާނިޝްގެ ނަމުން މީހުން ދަންނަ މަސްއޫލުވެރިއާ ގުޅިފައިވާ ކަމަށް ވެސް ބުނެއެވެ. ދާނިޝް ވަނީ 13 މެއި ގައި އިންޑިއާއިން ބޭރުކޮށްފައެވެ.
މަލްހޯތުރާއަށް ތުހުމަތުކޮށްފައި ވަނީ ދާނިޝްއަށް މައުލޫމާތު ދިން ކަމަށެވެ.
ދެން ތުހުމަތުކުރެވޭ އަނެއް ފަރާތަކީ މަލެރްކޯޓްލާގެ ގުޒާލާއެވެ. އޭނާއަކީ ދާނިޝްއާ ކައިވެނި ކުރުމަށް އެއްބަސްވެ އޭނާ އަތުން ފައިސާ ލިބެމުން ދިޔަ މީހެކެވެ.
މިމީހުންނަށް ސިފައިންގެ ހަރަކާތްތަކުގެ މަޢުލޫމާތު ދިނުމުގެ ބަދަލުގައި 30،000 ރުޕީސް ދިން ކަމަށް ސާބިތުވާ ކަމަށް އިންޑިއާއިން ބުނެއެވެ. އެފައިސާ ވަނީ ފޯންޕެއާއި ގޫގްލް ޕޭއިން ފޮނުވާފައެވެ.
އެހެން އިތުރު މީހުންގެ ތެރޭގައި ޔާމީންއާއި ދެވިންދަރު ސިންގް ޑިލޯން، އަދި އަރްމާން ކިޔާ ބަޔަކުވެސް ހިމެނެއެވެ. މިމީހުންގެ މައްޗަށް އޮފިޝަލް ސީކްރެޓްސް އެކްޓް، 1923 ގެ ދަށުން ދަޢުވާ އުފުލައެވެ.



