ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާޢަތް ލަޝްކަރޭ ތައްޔިބާ ގެ އޮޕަރޭޓިވްއެއް ކަމުގައިވާ ސައިފުﷲ ޚާލިދު، ޕާކިސްތާނުގެ ސިންދު ސަރަޙައްދުގައި މަރާލައިފިއެވެ. އޭނާ މަރާލާފައި ވަނީ، ގޮތް ނޭނގޭ ބަޔަކު ބަޑިޖަހައިގެންނެވެ.
ސައިފުﷲ ޚާލިދަކީ، އިންޑިއާގައި ހިންގާފައިވާ ބޮޑެތި ޓެރަރިސްޓު ޙަމަލާތަކެއްގައި ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އިންޑިއާ އިން ބުނާ ގޮތުގައި މިއީ ޓެރަރިޒަމާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމައިގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށެވެ. ސައިފުﷲއަކީ ލަޝްކަރުގެ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރި ވިނޯދު ކުމާރު މިނަމުގައިވެސް މަސައްކަތްކޮށްފައިވާ މީހެކެވެ. އޭނާ ޙަމަލާތައް ރާވައި، އޮޕަރޭޓިވުން ރެކްރޫޓްކޮށް، އަދި ޖަމާޢަތުގެ ޙަރަކާތްތަކަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައެވެ.
ސައިފުﷲއަކީ އިންޑިއާގައި ހިންގާފައިވާ އެންމެ ނުރައްކާތެރި ޓެރަރިސްޓު ޙަމަލާތަކުގެ ތެރެއިން ބައެއް ޙަމަލާތައް ރޭވި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ. މީގެ ތެރޭގައި 2005 ވަނަ އަހަރު ބެންގަލޫރުގައި ހުންނަ އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސަށް ދިން ޙަމަލާ ހިމެނެއެވެ. މި ޙަމަލާގައި އެއް ސައިންޓިސްޓަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވިއެވެ. މީގެ އިތުރުން، 2006 ވަނަ އަހަރު ނާގްޕޫރުގައި ހުންނަ އާރްއެސްއެސްގެ މައި އޮފީހަށް ދިން ޙަމަލާ އާއި 2008 ވަނަ އަހަރު އުއްތަރު ޕްރަދޭޝްގެ ރާމްޕޫރުގައި ހުންނަ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ކޭމްޕަކަށް ދިން ޙަމަލާއާވެސް އޭނާ ގުޅުންހުރި ކަމަށް ބެލެވެއެވެ. ކޭމްޕަށް ދިން ޙަމަލާގައި 8 މުވައްޒަފުން މަރުވިއެވެ. މި ޙަމަލާތަކުން ދައްކުވައިދެނނީ ލަޝްކަރުގެ ތެރޭގައި ސައިފުﷲއަކީ އިސްކޮށް ޕްލޭންކުރާ މީހެއްކަމެވެ. ލަޝަކަރަކީ، 2008 ވަނަ އަހަރު މުންބާއއީގައި ދިން ޙަމަލާ ފަދަ އެތައް ޓެރަރިސްޓް ޢަމަލުތަކަކަށް ޒިންމާވާ ޖަމާޢަތެކެވެ.
ސިންދަށް ބަދަލުވުމުގެ ކުރިން، ސައިފުﷲ ހަރަކާތްތެރިވެފައިވަނީ ނޭޕާލުގައެވެ.



