އިންޑިއާއިން ނިއު ދިއްލީގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނުގެ އޮފިޝަލެއް ޤައުމުން ބޭރުކޮށްފިއެވެ.
އެ އޮފިޝަލަކީ އޭނާގެ ރަސްމީ ދައުރާ އެއްގޮތްނުވާ ޙަރަކާތްތަކެއް ހިންގި މީހެއްގެ ގޮތުގައި ބަޔާންކޮށް، ޕަރސޯނާ ނޮން ގްރާޓާ އެއްގެ ގޮތުގައި އިންޑިއާއިން އިއުލާން ކުރި މުވައްޒަފެކެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ބުނެފައިވަނީ އެ އޮފިޝަލް 24 ގަޑިއިރުގެ ތެރޭގައި އިންޑިއާ ދޫކޮށް ދާންޖެހޭނެ ކަމަށެވެ. އިންޑިއާއިން ވަނީ ޕާކިސްތާނުގެ ޑިޕްލޮމެޓުންނަށް އެމީހުންގެ އިމްތިޔާޒުތަކަށް އިޙްތިރާމްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މިއީ މި މަހު ދެވަނަ ފަހަރަށް މިފަދަ ފިޔަވަޅެއް އެޅި ފަހަރެވެ. މީގެ ކުރިން މޭ 13 ގައިވެސް މިފަދަ ފިޔަވަޅެއް އަޅާފައިވެއެވެ. ދެގައުމުގެ ގުޅުން ހަލަބޮލި ވެފައި ވަނީ އޭޕްރިލް 22 ގައި ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ޙަމަލާގައި 26 މީހުން މަރުވުމާ ގުޅިގެންނެވެ. އިންޑިއާއިން ވަނީ ޕާކިސްތާނުގައި ހުރި ޓެރަރިސްޓް ކޭމްޕްތަކަށް އަމާޒުކޮށް އޮޕަރޭޝަން ސިންދޫރު ގައި އެތަންތަނަށް ބޮން އަޅާފައެވެ. އިންޑިއާއިން ޕާކިސްތާނު ހައި ކޮމިޝަނުގެ މުވައްޒަފުންގެ އަދަދު މަދުކޮށް، އިންޑަސް ވޯޓަރސް ޓްރީޓީ ހުއްޓުވާލައި، އަދި އައްޓާރީ-ވާގާ ބޯޑަރު ބަންދުކޮށްފައިވެއެވެ.
މޭ 10 ގައި ދެ ޤައުމުން އެއްބަސްވެފައިވަނީ ސިފައިންގެ ޙަރަކާތްތައް ހުއްޓާލުމަށެވެ.



