ކުރިން ޓެކްސީ ކުރަން އުޅުނު އުމުރުން 54 އަހަރުގެ މީހަކު ޓޯކިޔޯ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ އަންހެނަކަށް މަސްތުވާތަކެތި ދީގެން ރޭޕްކުރި ކަމުގެ ތުހުމަތުގައެވެ. ޖަޕާނުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި މި މީހާގެ އަތުން ފަންސާހަކަށް އަންހެނުންނަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

ފުލުހުން ބުނާ ގޮތުގައި މި މީހާ ވަނީ އަންހެނަކަށް ނިދާ ބޭސް ގުޅައެއް ދީގެން ހޭނައްތާލުމަށް ފަހު، އޭނާ ރޭޕްކޮށްފައެވެ. އަދި ފުލުހުން ވަނީ ތަހުލީލު ތަކަށްފަހު އެކަން ސާބިތުކޮށްފައެވެ. މިމީހާ ވަނީ އޭނާގެ ޖަރީމާ ވީޑިއޯވެސް ކޮށްފައެވެ.
ރުހުމާ ނުލައި ޖިންސީ ގުޅުން ހިންގުމާއި ޤާނޫނާ ޚިލާފަށް ޖިންސީ މަންޒަރު ފިލްމުކުރުމުގެ ދަޢުވާ އޭނާގެ މައްޗަށް އުފުލާފައި ވެއެވެ. މިމީހާގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި އޭނާގެ އަތުން 3،000 އަކަށް ވީޑިއޯއާއި އަދި ފޮޓޯ ފެނިފައި ވެއެވެ. އެ މަންޒަރުތަކަކީ، 2008ން ފެށިގެން އޭނާ ޓެކްސީގައި ނޫނީ ގޭގައި ހިންގާފައިވާ ޖަރީމާތަކުގެ މަންޒަރެވެ.
މިދިޔަ އޮކްޓޫބަރު މަހުވެސް އޭނާ އަންހެނަކަށް މަސްތުވާތަކެތި ދީގެން ރޭޕް ކުރިކަމަށް ތުހުމަތުކޮށްގެން ހައްޔަރުކުރިއެވެ. އޭގައި އިތުރަށް 40 ހާސް ޔެން ވަގަށް ނެގި ކަމަށްވެސް ބުނެފައި ވެއެވެ. އެ މައްސަލައަށް ފަހު އޭނާ ދޫކޮށްލާފައި ހުއްޓާ އަނެއްކާ ޑިސެމްބަރު މަހު، އަންހެނަކާ ބެހިގެން އަނެއްކާވެސް ހައްޔަރު ކުރިއެވެ.






