ހައްޖުގެ ގަވާއިދާ ޚިލާފުވި އިންޑޮނޭޝިއާގެ 4 މީހުން ހައްޔަރުކޮށްފި

ސައޫދީ ފުލުހުން ވަނީ އިންޑޮނޭޝިއާގެ 4 މީހުން ހައްޖުގެ ގަވާއިދާ ޚިލާފްވެގެން ހައްޔަރުކޮށްފައެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މީސްމީޑިއާގައި އޮޅުވާލައިގެން ޙައްޖު ދަތުރުތަކުގެ އިޝްތިހާރުތައް ޝާއިޢުކޮށް، މައްކާގައި ޙައްޖުވެރިންނަށް ދަތުރުފަތުރާއި ހުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ޙީލަތުގެ ޢަމަލުތަކެއް ހިންގުމާ ގުޅިގެންނެވެ. އަދި މިމީހުން ވަނީ ވަގު "ނަސްކު ޙައްޖު" ކާޑުތަކެއް ވެސް ވިއްކާފައެވެ.

ސަޢޫދީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި 4 ބިދޭސީން ވަނީ މައްކާގައި ހުރި އިމާރާތެއްގައި ޙައްޖު ހުއްދަ ނެތް 14 މީހުން ބައިތިއްބާ ފައެވެ. މި މައްސަލައިގައި އެ މީހުން ހައްޔަރުކޮށް، ޤާނޫނީ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މީހުންނަށް އެހީވި ފަރާތްތައް ކަމާބެހޭ އިދާރާތަކަށް ފޮނުވައި، ޤާނޫނުގައިވާ ގޮތުގެމަތިން އަދަބު ދިނުމަށް ހުށަހަޅާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބުދަ ދުވަހުވެސް ސަޢޫދީ ހޯމް މިނިސްޓްރީން ވަނީ މައްކާއަށް ވަންނަ މަގުތަކުން 10 ބިދޭސީންނާއި 10 ސައޫދީ މީހުން ހައްޔަރުކޮށްފައެވެ. މިމީހުން ހައްޔަރު ކުރީ ޙައްޖުގެ ގަވާއިދުތަކާއި އުޞޫލުތަކާ ޚިލާފަށް ހުއްދަ ނެތް 48 މީހުން އުފުލުމުގެ ތުހުމަތުގައެވެ.

މިމީހުންނަށް ޖަލު ހުކުމައި 100,000 ރިޔާލު (27,000 ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރުމާއި، ނަން ހާމަކުރުން ހިމެނެއެވެ.

އަދި ޤާނޫނާ ޚިލާފުވި ބިދޭސީން އަދަބު ތަންފީޒުކުރުމަށްފަހު އަނބުރާ ފޮނުވާލުމާއި، 10 އަހަރު ވަންދެން ސަޢޫދީ ޢަރަބިއްޔާއަށް ވަނުން މަނާކުރުމާއި، މީހުން އުފުލުމަށް ބޭނުންކުރި އުޅަނދުފަހަރު ޝަރުޢީ ކޯޓުތަކުން އަތުލުމަށް އެދުމާއި، ހުއްދަ ނެތި ޙައްޖު އަދާކުރަން މަސައްކަތްކުރި ފަރާތްތަކަށް 20,000 ރިޔާލު (5,300 ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރުން ހިމެނެއެވެ.

ހިއްސާ ކުރައްވާ!