މީގެ 25 އަހަރު ކުރިން ސައޫދީ ދައްމާމް ސިޓީގައި ހަސްފަތާލުތަކުން ކުޑަކުދިން ވަގަށް ނަގަމުން އުޅުނު އަންހެނަކާއި ފިރިހެނެއްގެ މައްޗަށް މަރުގެ ސަޒާ މިއަދު ސައޫދީގައި ތަންފީޒުކޮށްފިއެވެ.
"ދަންމާމް ކިޑްނެޕަރ" ގެ ނަމުން މަޝްހޫރު ސައޫދީ އަންހެންމީހާއާއި އޭނާގެ އެހީތެރިޔާ ކަމުގައިވާ ޔަމަނުގެ ފިރިހެން މީހާއަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ އިރުމަތީ ޕްރޮވިންސްގައެވެ.

މީގެ 25 އަހަރުގެ ކުރިން މިމީޙުން ވަނީ ތިން ހަސްފަތާލަކުން 3 ކުދިން ވަގަށް ނަގާފައެވެ. ހޯމް މިނިސްޓްރީން ބުނި ގޮތުގައި މަރިޔަމް އަލްމުޠައިރީ އާއި މަންސޫރު ޤައިދު ގުޅިގެން ހޮސްޕިޓަލްތަކުން އޮޅުވާލައިގެން ތިން ކުޑަ ކުދިން ވަގަށްނަގައި، އެކުދިން އެހެން މީހުންގެ ދަރިންކަމަށް ހަދައިގެން ގެންގުޅުނެވެ. އަދި މިމީހުން ސިހުރު ހެދުމުގައިވެސް ބައިވެރިވެފައި ވެއެވެ.
އެމީހުން ހައްޔަރުކޮށް ދިގު މުއްދަތކަށް ތަހުގީގު ހިންގައި، ޑީއެންއޭގެ ތަހުލީލާއެކު ކުދިންގެ މައިން ބަފައިން ހޯދައި މިމީހުންގެ ޖަރީމާ ސާބިތުކޮށްފައި ވެއެވެ. އަދި އެކުދިން ވަނީ އެމީހުންގެ މައިންބަފައިންނާ ޙަވާލުކޮށްފައެވެ.






