އުތުރު ޖަރުމަނުވިލާތުގެ ހެމްބަރގް ސިޓީގައި ހެމްބަރގް ސްޓޭޝަނުގައި ހުކުރު ދުވަހު، ހިނގި ވަޅިން ދިން ހަމަލާގައި މަދުވެގެން 12 މީހުންނަށް އަނިޔާވެއްޖެކަމަށް ޖަރުމަނުގެ "ބިލްޑް" ނޫހުން ބުނެފިއެވެ.
މި ނޫހުން ބުނެފައިވަނީ އަނިޔާވި މީހުންގެ ތެރެއިން 3 މީހުންގެ ހާލަތު ނުރައްކާތެރި ކަމަށާއި އަދި އިތުރު 3 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި ހަމަލާގެ މަގްސަދަކީ ކޮބައިކަން އަދި ސާފުވެފައި ނުވާކަމަށްވެސް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.
ހެމްބަރގް ޕޮލިސްއިން "އެކްސް" ޕްލެޓްފޯމްގައި ޕޯސްޓްކޮށްފައިވާ ގޮތުގައި "ވަޅިއަކުން ސްޓޭޝަނުގައި ގިނަ ބަޔަކަށް މީހަކު ހަމަލާދީފައިވާ ކަމަށާއި އަދި އޭނާ ހައްޔަރުކުރެވިފައިވާ" ކަމަށް ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހެމްބަރގް މައި ސްޓޭޝަންގެ ޕްލެޓްފޯމް 13 އާއި 14 ގައި، ހަވީރު 6 ޖެހިއިރުގައި ކަމަށް ފެޑެރަލް ޕޮލިސްގެ ތަރުޖަމާނަކު ބުނެފައިވެއެވެ. އަދި މި ހާދިސާ އޭނާ ސިފަކޮށްފައިވަނީ "ބޮޑު އޮޕަރޭޝަނެއް" ގެ ގޮތުގައެވެ.







