ޙައްޖާޖީން ޠަވާފް ކުރާ ސަރަހައްދުގެ އިންތިޒާމުތައް ފުރިހަމަ ކޮށްފި

މައްކާގެ މަސްޖިދުލް ހަރާމުގައި ޠަވާފްކުރާ ސަރަހައްދުގެ އިންތިޒާމުތައް ފުރިހަމަކޮށްފި އެވެ. މަސްޖިދުލް ހަރާމާއި މަސްޖިދުއް ނަބަވީގެ ކަންތައްތަކާ ބެހޭ އިދާރާއިން ވަނީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމަށް ޠަވާފްކުރާ ސަރަހައްދު (މަޠާފް) ފުރިހަމައަށް ތައްޔާރުކޮށް ނިންމާފައި ވާކަން މިއަދު އިއުލާން ކޮށްފައެވެ. މިއީ މަސްޖިދުލް ހަރާމުގައި އަޅުކަން ކުރާ ފަރާތްތަކުގެ ރައްކާތެރިކަމާއި، ފަސޭހަކަމާއި، އަދި ފެންވަރު މަތީ ޚިދުމަތްތައް ކަށަވަރުކުރުމަށް ރޭވިފައިވާ ފުރިހަމަ އިންތިޒާމުތަކުގެ ތެރެއިން ބައެކެވެ.

އެ އިދަރާއިން ހާމަކުރި ގޮތުގައި މަޠާފްގެ ޖާގައިގެ ޖުމްލަ ޢަދަދު ގަޑިއިރަކު 107،000 ހާޖީޖީންނަށް އިތުރު ކުރެވިފައި ވެއެވެ. މިއީ ހުރިހައި ފަންގިފިލާތަކުގެ އޭރިއާ ހިމެނޭ ގޮތަށް އިތުރު ކުރެވިފައިވާ ސަރަހައްދެވެ. އެންމެ ގިނައިން މީހުން ޖަމާވާ ވަގުތުތަކުގައި މަޠާފްގެ ހުރިހާ ފަންގިފިލާއެއްގައި ޖުމްލަ 203،000 މީހުންނަށް ޖާގަ ލިބޭނެ ކަމަށް ވެސް ޙަރަމައިން އިދާރާއިން ބުނެފައިވެއެވެ.

އޮފިޝަލުން ހާމަކުރި ގޮތުގައި މަޠާފްގެ މުޅި ސަރަހައްދު ޚާއްސަ ކުރެވިފައި ވާނީ ހަމައެކަނި ޠަވާފްކުރާ ފަރާތްތަކަށެވެ. އަދި މަޠާފަށް ވަދެނިކުމެވުމަށް ޚާއްޞަ ދޮރާށިތަކާއި ގޭޓުތައް ކަނޑައެޅިފައި ވާނެއެވެ.

މީގެ އިތުރުން، ޚިދުމަތްތަކަށާއި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ވަކި ގޭޓުތަކެއް ވެސް ވަނީ ޚާއްޞަކުރެވިފައެވެ. މިއީ ރައްކާތެރިކަމާއި ޙައްޖުވެރިންގެ އަދަދު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް އެޅިފައިވާ ފިޔަވަޅެކެވެ.

މި އިންތިޒާމުތަކަކީ ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން ޙައްޖުވެރިންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް ފުޅާކޮށް ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. މިކަމުގެ ސަބަބުން ޙައްޖުވެރިންނަށް އިތުރު ފަސޭހަތަކަކާއި ރައްކާތެރިކަމެއް ލިބިގެންދާނެ ކަން ސައޫދީ އިދާރާއިން ކަށަވަރު ކުރެއެވެ.

ADV

ހިއްސާ ކުރައްވާ!