ބަނގުރާ ބޭނުކުރުން މަނާކޮށް އަޅާފައިޥާ ފިޔަވަޅު އުވާލާކަށެއް ނޫޅޭ

ސައޫދީ އަރަބިއްޔާއިން ރާ ހުއްދަ ކުރަން އުޅޭކަމަށް ބައެއް ބައިނަލްއަގްވާމީ މީޑިއާއިން ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށް، އެ ޤައުމުގެ ރަސްމީ ފަރާތަކުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ވަނީ، މުސްލިމުންނަށް މަނާކުރެވިފައިވާ ރާ، 73 އަހަރު ވަންދެން ސައޫދީ އަރަބިއްޔައިން ދަމަހައްޓަމުން އައި ގޮތަށް އަދިވެސް މަނާކޮށްފައި އޮންނާނެ ކަމަށާއި އެ މަނާކުރުން އުވާލާކަށް ނޫޅޭކަމަށެވެ.

މިދިޔަ ހަފްތާގައި ވައިން ބްލޮގެއްގައި ޝާއިޢުކުރެވުނު ރިޕޯޓެއްގައި ބުނެފައިވަނީ، 2034 ވަނަ އަހަރު ސައޫދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ވޯލްޑް ކަޕާ ގުޅިގެން، ފަތުރުވެރިކަމުގެ ދާއިރާގައި ރާ ވިއްކުމުގެ ހުއްދަ ދޭން ސައޫދީ އޮތޯރިޓީތަކުން ރާވަމުންދާ ކަމަށެވެ. ނަމަވެސް މި މަޢުލޫމާތު ލިބުނު ގޮތެއް އެ ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ސައޫދީ އަރަބިއްޔާގެ އިޤްތިޞާދު ތަނަވަސްކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، ފަތުރުވެރިން އަދި ބައިނަލްއަޤްވާމީ ވިޔަފާރިތައް އެ ޤައުމަށް ގެނައުމަށް ބައެއް މިންގަނޑުތައް ވަނީ ލުއިކޮށްފައެވެ. ނަމަވެސް ރާ ހުއްދަކުރުމާ ގުޅޭ ރިޕޯޓު ނެރުމާ ގުޅިގެން، އެ ޤައުމުގެ އޮންލައިން މީޑިއާގައި ބަހުސްތަކެއް ކުރިއަށްދިޔައެވެ.

ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމާއި، އާންމު ތަންތަނުގައި އަންހެނުންނާއި ފިރިހެނުން ވަކިކުރުމުގެ ޤަވާޢިދުތައް ލުއިކުރުން ފަދަ އިޞްލާޙީ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ނަމަވެސް ރާ ވިއްކުން މަނާކުރުމުގެ ޤާނޫނު އަދިވެސް ދަމަހައްޓާފައިވާ ޚަލީޖު ޤައުމުތަކަކީ ސައޫދީ އަރަބިއްޔާ އާއި ކުވެއިތެވެ.

ރާ ބޭނުންކުރުމާ ގުޅޭގޮތުން އެންމެ ފަހުން ގެނެވުނު ކުޑަ ބަދަލަކީ، މުސްލިމުން ނޫން ޑިޕްލޮމެޓުންނަށް ޚާއްޞަކޮށްގެން ރިޔާޟުގައި ރާ ވިއްކާ ފިހާރައެއް ހުޅުވުމެވެ. މީގެ ކުރިން ރާ ލިބެން ހުންނަނީ ހަމައެކަނި ޑިޕްލޮމެޓިކް މެއިލް މެދުވެރިކޮށް ނުވަތަ ބްލެކް މާކެޓުންނެވެ.

ހިއްސާ ކުރައްވާ!