ސައޫދީގެ "ރީހެބިލިޓޭޝަން" މަރުކަޒުތަކުގައި ކަނބަލުންނަށް އަނިޔާކުރޭ: ގާޑިއަން

ސައޫދީ އަރަބިއްޔާގައި "ނުކިޔަމަންތެރި" އަންހެނުން އިސްލާހު ކުރުމަށް ޖަލު ފަދަ މަރުކަޒުތަކެއްގައި ބަންދުކޮށް، އެތަންތަނުގައި އަނިޔާކުރަމުންދާކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އެފަދަ މަރުކަޒުތަކުގައި ތިބި އަންހެނުން ގާޑިއަންއަށް ދީފައިވާ ހެކިބަހުންނެވެ.

"ދާރުއް ރިއާޔާ" ނުވަތަ "ކެއަރ ހޯމް" ގެ ނަމުގައި ހިންގާ މި މަރުކަޒުތަކުގައި، އަންހެނުންނަށް ހަފްތާއަކު އެއްފަހަރު އަނިޔާކުރުމާއި، މަޖުބޫރުން ދީނު އުގަންނައި ދިނުމާއި، ބޭރު ދުނިޔެއާ މުޢާމަލާތް ކުރުން މަނާކުރެވިފައިވާކަމަށް "ދަ ގާޑިއަން" އަށް ލިބިފައިވާ ރިޕޯޓުތަކުގައި ބުނެއވެ.

މި މަރުކަޒުތަކުގެ ޙާލަތު އެހާ ދަށްވެފައިވާތީ، ގިނަ އަންހެނުން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާކަމަށް ވެސް ވަނީ ހާމަވެފައެވެ. އަދި އާއިލާގެ ހުއްދަ ނެތި މި މަރުކަޒުތަކުން ނުނިކުމެވޭތީ، ގިނަ އަންހެނުން އަހަރުތަކަކަށް މި މަރުކަޒުތަކުގައި ތިބެންޖެހިފައިވެއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ސާރާ އަލްޔަހްޔާ ކިޔައިދިން ގޮތުގައި، މި މަރުކަޒުތަކަށް ވައްދާ އަންހެނުންގެ ހަށިގަނޑު ބަލާ ފާސްކުރުމާއި، ހަށިގަނޑުގެ އެކި ޓެސްޓުތައް ހެދުމަށްފަހު، ނިދުމަށް ބޭސް ދެވެއެވެ. އަދި އަންހެނުންނަށް ނަމުން މުޚާތަބު ކުރުމުގެ ބަދަލުގައި ނަންބަރުތަކެއް ދީގެން މުޚާޠަބުކުރެވެއެވެ.

"އެއްވެސް އަންހެނަކު އޭނާގެ އާއިލާގެ ނަން ބުނެފިނަމަ، އޭނާއަށް އަނިޔާކުރެވެއެވެ. ނަމާދު ނުކޮށްފިނަމަ، އަނިޔާކުރެވެއެވެ. އެހެން އަންހެނަކާ އެކަނި ހުއްޓައި ފެނިއްޖެނަމަ، އޭނާއަށް އަނިޔާކޮށް، ގޭ ކަމުގެ ތުހުމަތުކުރެވެއެވެ. އަންހެނުންނަށް އަނިޔާކުރާއިރު، ސެކިއުރިޓީ ބަލަހައްޓާ މީހުން އެއްވެ ބަލަހައްޓައިގެން ތިބެއެވެ." ސާރާ ކިޔައިދީފައި ވެއެވެ.

ސައޫދީ ސަރުކާރުން ބުނެފައިވަނީ މިއީ އަނިޔާ ލިބިފައިވާ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިވުމަށް ހިންގާ މަރުކަޒުތަކެއް ކަމަށެވެ. އަދި މި ނޫހުން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައިވެއެވެ. ނަމަވެސް، އިނގިރޭސިވިލާތުގައި ހިންގާ ސައޫދީ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާ "އަލްޤިސްޠު" އިން ބުނެފައިވަނީ މި މަރުކަޒުތަކަކީ އެ ޤައުމުގެ ޖެންޑަރ ނޯމްސް ތަންފީޒުކުރުމަށް ބޭނުންކުރާ ވަސީލަތްތަކެއް ކަމަށެވެ.

ސައޫދީ އަރަބިއްޔާގެ "ވިޝަން 2030″ ގެ ދަށުން އިޖްތިމާޢީ އަދި އިޤްތިޞާދީ އިޞްލާޙުތަކެއް ގެނެވެމުންދާއިރު، އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ވަނީ އަންހެނުންގެ ޙައްޤުތަކަށް އަދިވެސް އެކަށީގެންވާ ސަމާލުކަމެއް ނުދޭކަމަށް ފާހަގަކޮށްފައެވެ.

ހިއްސާ ކުރައްވާ!