ކުޑަކުދިން އުޅޭ އާންމު ސަރަޙައްދުތަކުގައި ސިގިރެޓް ބުއިން މަނާކުރުމަށް ފަރަންސޭސި ސަރުކާރުން ވަނީ ނިންމައިފަ އެވެ. މީގެ ތެރޭގައި ގޮނޑުދޮށްތަކާއި، ޕާކުތަކާއި، ބަސް ހުއްޓިތަކާއި، ގިމަތަތަކާއި ކުޅިވަރު ކުޅޭ އެކުވެނިތަކާއި މައިދާންތައް ހިމެނެ އެވެ.
ފްރާންސްގެ ހެލްތް އެންޑް ފެމިލީ މިނިސްޓަރު ކެތަރިން ވޯޓްރިން ވިދާޅުވި ގޮތުގައި "ކުޑަކުދިން އުޅޭ ހިސާބުގައި ސިގިރެޓް ބޭނުން ކުރުން ހުއްޓުވަން ޖެހެ" އެވެ. އަދި ކުޑަކުދިންނަށް ސާފު ވައި ލިބުމުގެ ޙައްޤު ފެށޭ ހިސާބުން ސިގިރެޓް ބޯ މީހުންގެ މިނިވަންކަމަށް ނިމުމެއް އަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަކުދިން އުޅޭތަންތާނގައި ސިގިރެޓާއި ދުންފަތް އިސްތިއުމާލު ކުރުން މަނާވާނީ 1 ޖުލައި އިން ފެށިގެންނެވެ. ޖުލައި 1 އިން ފެށިގެން އަމަލުކުރަން ފަށާ މި ގަވާއިދުގެ ދަށުން، ގޮނޑުދޮށްތަކާއި، ބީޗް ސަރަހައްދާއި އާންމުން ވަދެ އުޅޭ ޕާކުތަކާއި، ސްކޫލް ސަރަޙައްދުތަކާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތަކުގެ ގިމަތަ ހިމެނޭ ސަރަޙައްދުތަކުގައި ސިގިރެޓް ބުއިން މަނާވާނެ އެވެ. ނަމަވެސް ކެފޭތަކުގެ ޓެރަސްތަކާއި އިލެކްޓްރޯނިކް ސިގިރެޓް ފްރާންސްގެ މި ގަވާއިދުގެ ދަށުން އިސްތިސްނާ ވާނެ އެވެ.
މި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް 135 ޔޫރޯ އިން ޖޫރިމަނާ ކުރެވޭނެ އެވެ. ފްރާންސްގެ ރައްޔިތުންގެ 62 އިންސައްތަ މީހުން އާންމު ތަންތަނުގައި ސިގިރެޓް ބޯން މަނާކުރުމަށް ތާއީދުކުރާކަން ފާހަގަކުރެވެ އެވެ. ފްރާންސްގައި ސިގިރެޓް ބުއިމުގެ ސަބަބުން އަހަރަކު 75،000 މީހުން މަރުވާ ކަމަށް ލަފާކުރެވެއެވެ.



