ޔަހޫދީ ސިފައިން މެޑްލިން ޔޮޓް ފޭރިގަނެ، އެކްޓިވިސްޓުން ހައްޔަރުކޮށްފި

ޔޫރަޕުން އެކްޓިވިސްޓުން ޣައްޒާއަށް ދަތުރުކުރި ޔޮޓް މެޑްލީން، އިޒްރޭލުގެ ކަނޑުގެ ސިފައިން އަރައި ފޭރިގެންފިއެވެ. އިޒްރޭލު ކަނޑުގެ ސިފައިން ބުނިގޮތުގައި މިހާރު އެމީހުން ދަނީ އިޒްރޭލަށް އެ ބޯޓު ޓޯ ކުރަމުންނެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނަނީ ޔޮޓްގައި ދަތުރުކުރި އެންމެން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ގައުމަށް އަނބުރައި ފޮނުވާލާނެ ކަމަށެވެ.

މި ޔޮޓްގައި ފަލަސްތީނަށް ތާއީދުކުރާ 12 އެކްޓިވިސްޓުން ދަތުރުކުރިއެވެ. އޭގައި ފްރާންސްގެ ޕާލަމެންޓްގެ މުސްލިމު މެމްބަރަކާއި ތިމާވެށީގެ މައްސަލާގައި ވަކާލާތު ކުރާ ސުއިޑްންގެ ޒުވާން އެކްޓިވިސްޓް ގްރެޓާ ތަންބަރގްވެސް އިސްކޮށް ހަރަކާތްތެރިވިއެވެ.

އިޒްރޭލު ސިފައިން މި އެކްޓިވިސްޓުން ހައްޔަރުކޮށްފައި ބަންދު ކުރީ ކޮންތާކުކަން ސާފެއް ނުވެއެވެ.

މި ދަތުރަކީ، އިންތިޒާމްކުރި ފްރީޑަމް ފްލޮޓިލާ ކޯލިޝަނުން އިންތިޒާމު ކުރި ދަތުރެކެވެ. އެ މީހުން ބުނިގޮތުގައި މީގެ ބައިގަޑިއެއްހައ އިރު ކުރިން މި ޔޮޓާ މުވާސަލާތީ ގުޅުން ވަނީ ކެނޑިފައެވެ.

ހިއްސާ ކުރައްވާ!