އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކޮމާންޑަރަކަށް މޭޖަރ ޖެނެރަލް އަޙްމަދު ވަޙީދީ އައްޔަން ކޮށްފިއެވެ. އޭނާ އައްޔަން ކުރީ މިއަދު އީރާނާ ދެކޮޅަށް އިޒްރޭލުން ދިން އުދުވާންގައި މޭޖަރ ޖެނެރަލް ހުސައިން ސަލާމީ ޝަހީދުވުމުންނެވެ.
އީރާނުގެ ދެކުނުގެ ފާސް ޕްރޮވިންސްގެ ޝިރާޒް އަށް 1958 ވަނަ އަހަރު އުފަންވި ވަހީދީ އަކީ އިލެކްޓްރޯނިކްސް އިންޖިނިއަރިންގެ ދާއިރާއިން ބީއޭ ހާސިލް ކޮށް، ސްޓްރެޓެޖިކް ސައިންސްގެ ދާއިރާއިން އެމްއޭ އަދި ޕީއެޗްޑީ ހާސިލް ކޮށްފައިވާ މީހެކެވެ. އަދި ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ ރައީސްގެ މަގާމުވެސް ފުރާފައި ވެއެވެ.
ވަޙީދީ ވަނީ ކުރީގެ ރައީސް މަޙްމޫދު އަޙްމަދީނީޖާދު (2009-2013) ގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުގެ މަޤާމާއި ޝަހީދު ރައީސް އިބްރާހިމް ރައިސީގެ ސަރުކާރުގެ ދާޚިލީ ވަޒީރުކަން ކުރައްވާފައެވެ.
އަދި އިންގިލކާބީ ސިފައިން، އައިއާރުޖީސީ ސެކިއުރިޓީ އޮގަނައިޒޭޝަންގެ ޑެޕިއުޓީ ޗީފް (1985-1988) އާއި ޤުދުސް ފޯސްގެ ފުރަތަމަ ކޮމާންޑަރުގެ މަގާމާއި (1990-1997) އަދި އޭގެ ފަހުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ ފޯ ޕްލޭނިން އެފެއާޒްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެކްސްޕީޑިއެންސީ ޑިސްކަރންމަންޓް ކައުންސިލްގެ ޕޮލިޓިކަލް-ޑިފެންސް-ސެކިއުރިޓީ ކޮމިޓީގެ ޗެއާމަންކަން ކުރައްވާފައެވެ. އީރާނުގައި އިސްލާމީ އިންގިލާބު ފެށުނުއިރު އިންޓެލިޖެންސް މިނިސްޓްރީ އުފެއްދުމުގައި ވަހީދީ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.






