ލުބުނާންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގި ޔަހޫދީ ސިފައިންގެ މީހަކު ދިރުއުޅުން ދަތިވެ ބޯހާސްވާތީ އަމިއްލަ ގައިގައި ރޯކޮށްގެން މަރުވެއްޖެއެވެ.
ޔަހޫދީންގެ ވަލާ ނިއުސް ވެބްސައިޓުން ބުނާ ގޮތުގައި މިމީހާ އަމިއްލައަށް މަރުވުމުން ޑިފެންސް މިނިސްޓްރީން ވަނީ އޭނާ ވަޅުލުމުގައި ސިފައިން ބައިވެރި ނުވުމަށާއި އޭނާއަށް އެއްވެސް ހައިސިއްޔަތެއް ނުދިނުމަށް ރަސްމީކޮށް އަންގާފައެވެ.
ޔަހޫދު ސިފައިންގެ މީހާގެ މަންމައާ ހަވާލާދީ އެ ވެބްސައިޓުން ބުނީ އެމީހާގެ ނަފްސާނީ ހާލަތު ވަރަށް ގޯސް ކަމަށާއި އަބަދު ބޮލުތެރެއިން އަޑުތައް އިވޭ ކަމަށް ބުނާ ކަމަށެވެ. އަދި އެކަނި ހުންނައިރު ހަނގުރާމައިގައި މަރާފައިވާ މީހުން ކުރިމަތީގައި ހުއްޓި ތިއްބައި ފެންނަ ކަމަށް ބުނާ ކަމަށް އޭނާގެ މަންމަ ކިޔައި ދެއެވެ. އަދި އެކަންކަމާ ގުޅިގެން އާންމުކޮށް ރުޅިގަދަވެފައި ހުންނަ ކަމަށާއި، ބައެއް ފަހަރު އެޕާޓްމަންޓް ތެރޭގައި ހަމަނުޖެހުން އުފައްދައި އަމިއްލަ ގައިގައި ތަޅައި ހަދާ ކަމަށްވެސް ބުންޏެވެ.
އިޒްރޭލު ސިފައިންގެ މީހުންނަށް މިފަދަ މައްސަލަތައް ދިމާވެފައިވާ ކަމަށް ކުރިންވެސް ރިޕޯޓްކޮށްފައި ވެއެވެ. އަދި މިމީހުންނަށް ފެންނަ ރޫހުތަކަކީ އިރާގާއި އަފްޣާނިސްތާންގައިވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގި އެމެރިކާ ސިފައިންނަށްވެސް ފެންނަ ފަދަ ރޫހު ތައް ކަމަށް ބުނެ ނިއުޔޯކް ޓައިމްސްގައި މިކަން ތަފްސީލުކޮށް ގެނަސްދީފައި ވެއެވެ. މިބާވަތުގެ ނަފްސާނީ އުދަގޫތަކަކީ، ބޮޑެތި ނަފްސާނީ ކާރިސާތަކަށް ފަހު ދިމާވާ ނަފްސާނީ ހަމަނުޖެހުންތަކެއް ކަމަށް ބުނެ ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ނަމުން ނަންދީފައި ވެއެވެ.
ޔަހޫދީން ހިންގާ ޖަރީމާތަކުން ނަފްސާނީ މައްސަލަތައް ދިމާވާތީ، ހަނގުރާމައަށް ދާން ބޭނުން ނުވާ އެތައް ބަޔަކުވެސް އުޅެއެވެ. މީގެ ކުރިން ހާރެޓްޒް އިން ނެރުނު ރިޕޯޓެއްގައި ވަނީ ސިފައިންގެ ޚިދުމަތަށް އަންނަން އެންގުމުން ދެމީހަކު އަމިއްލައަށް މަރުވެފައިވާ ކަމަށެވެ.
ޔަހޫދީން ފަލަސްޠީނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން މިހާތަނަށް 10 ހާހާ ގާތް ކުރާ އަދަދެއްގެ ޔަހޫދީންނަށް ނަފްސާނީ ބަލިތައް ޖެހިފައިވާކަމަށް އިޒްރޭލު ޑިފެންސް މިނިސްޓްރީން ގިންތިކޮށްފައިވާކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.






