ސެރެބްރެނިޓްޒާގައި ނަސާރާއިން ހިންގި މުސްލިމުންގެ ގަތުލުއާންމަށް 30 އަހަރު

ސާބު ދަރިކޮޅުގެ މީހުން ބޮސްނިޔާގައި މުސްލިމުންގެ ގަތުލުއާންމު ހިންގިތާ މިއަދަށް 30 އަހަރުވީއެވެ. ބޮސްނިއާގެ ސާބް ފައުޖުތަކުން ސެރެބްރެނިޓްޒާގައި ހިންގި ނަސްލު ނައްތާލުމުގެ ހިތާމަވެރި ހާދިސާ ފާހަގަ ކުރުމަށްޓަކައި، އެތައްހާސް އާއިލާއަކުން މިއަދު ސްރެބްރެނިޓްޒާގެ މަގްބަރާއަށް އެއްވިއެވެ.

މިގަތުލުއާންނު ހިންގުމުގައި އިސްކޮށް އުޅުނު 3 މީހުންގެ ޝަރީއަތް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި ކުރިއެވެ. އެއިރު ސާބިޔާގެ ރައީސްކަމުގައި ހުރި ސްލޮބޮދާން މިލޮސޮވިޗް ހައްޔަރުކޮށް ޝަރީއަތް ކުރަމުން ދަނިކޮށް ދަ ހޭގްގައި އޭނާ މަރުވީ ޖަލު ގޮޅީގައެވެ.

ބޮސްނިޔާގެ ގަތުލުއާންމުގައި ސިފައިންގެ އިސް ޖެނަރަލަކަށް ހުރި ރަޓްކޯ މުލަޑިޗް ވަނީ ޝަރިއަތްކޮށް އުމުރަށް ޖަލަށްލާން ޙުކުމް ކޮށްފައެވެ.

އަދި ބޮސްނިޔާގައި ސާބުންގެ ވަކި ސަރުކާރެއް ހިންގި ރަޑަވާން ކަރަޑްޒިޗް ވެސް ހައްޔަރުކޮށްގެން ޝަރީއަތް ކޮށްފައި ވެއެވެ. އޭނާގެ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަނީ އިނގިރޭސިވިލާތުގެ ޖަލެއް ގައެވެ.

މި ގަތުލުއާންމަކީ، ނަސާރާއިން ދެވަނަ ބޮޑު ހަނގުރާމަ ފަހުން ޔޫރަޕްގައި ހިނގި އެންމެ ނުބައި ޖަރީމާތަކުގެ ތެރޭގައި ހިމެނޭ އެއް ޖަރީމާއެވެ. ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމައާއި އޭގެ ކުރިން ނަޕޮލިއަން ހަނގުރާމަތައްވެސް ކޮށްފައި ވަނީ ސޮލީބީ ގަނގުރާމަ ކުރި އަގީދާގެ މީހުންނެވެ.

ސްރެބްރެނިޓްޒާގެ މި ހާދިސާއަކީ 1990ގެ އަހަރުތަކުގައި ބޮސްނިއާގެ ނަސްލީ ހަނގުރާމައިގެ އެންމެ ގިނަބަޔަކު މަރުވި ހާދިސާއެވެ. މި ހާދިސާގެ ޝިކާރައަކަށްވި 7 މީހުންގެ ގުނަވަންތަކުގެ ބާކީ ހުރި ބައިތައް ވަނީ މިއަދު ވަޅުލާފައެވެ. މި މީހުންގެ ތެރޭގައި ސެއިދަލިއާ އަލިކް ވެސް ހިމެނެއެވެ. އޭނާއަކީ 1995 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ބޮސްނިއަން ސާބް ފައުޖުތަކުން ސެރެބްރެނިޓްޒާ ހިފުމަށްފަހު ޝަހީދުކޮށްލި 8,000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ކުދިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ސެއިދަލިއާ އަލިކްގެ ކާފަ ދަރި އަނެލާ އަލިކް ވެސް މިއަދުގެ ވަޅުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ. އޭނާގެ ބައްޕައަކީވެސް މި ނަސްލު ނައްތާލުމުގައި ޝަހީދުކޮށްފައިވާ މީހެކެވެ.

"ބައްޕަ އަހަންނަކަށް ދުވަހަކުވެސް ނުފެނޭ… މިއަދު، ކާފަ ވަޅުލަނީ. އޭނާގެ ހަށިގަނޑުން ބައެއް ކަމަށްވާ ހަމައެކަނި ކަށިތަކެއް މި ވަޅުލަނީ، އޭނާގެ ދަރިފުޅުގެ ކައިރީގައި،" ކަރުނަ ބާލަމުން 32 އަހަރުގެ އަނެލާ ކިޔައި ދިނެވެ.

"މިއީ ވަރަށް ބޮޑު ހިތާމައެއް… މިކަން ސިފަކުރާނެ ބަސްތަކެއް ނެތް." އޭނާ އުފަންވެފައި ވަނީ 1994 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ސްރެބްރެނިޓްޒާއަކީ އެމެރިކާއާއި ހުޅަނގުން ނުފޫޒު ހިންގައިގެން އދގެ ނިޒާމު ފޭލުކޮށްލި ގަތުލުއާންމެކެވެ. މިމީހުންގެ ވިސްނުން ހުންނަ ގޮތުން މިމީހުން ތިބެނީ އދގެ މަސައްކަތް ހުއްޓުވައިގެން ގަތުލުއާންމަށް ފުރުސަތު ދީގެންނެވެ. ރުވަންޑާގައިވެސް މިމީހުން ކަން ކުރީ ބޮސްނިޔާގައި ކަން ކުރި ބީދައިންނެވެ.

ނަސާރާ ސާބުން ސްރެބްރެނިޓްޒާގައި ގަތުލުއާންމު ހިންގީ އެތަން އދގެ ބެލުމުގެ ދަށުގައި އޮތްވައެވެ.

ސްރެބްރެނިޓްޒާގެ ގަތުލުއާންމުގައި ސާބުން ބަރާލި 7,000 ހާހެއްހައި ޝަހީދުން ވަނީ ދަނެގަނެވިފައެވެ. ނަމަވެސް، އިތުރު 1,000 ހާހެއްހައި މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މާހިރުން ބުނާ ގޮތުގައި، ސާބުން ވަނީ އެމީހުންގެ ޖަރީމާ ވަންހަނާކުރުމުގެ ގޮތުން، ޝަހީދު ކުރި މީހުން އެކި ތަންތާނގައި ވަޅު ކޮނެގެން ވަޅުލާފައެވެ.

ސެރެބްރެނިކާގެ މައިންގެ ޖަމިއްޔާގެ ރައީސް މުނީރާ ސުބާސިޗް ވިދާޅުވީ، "30 އަހަރު ވަންދެން އަޅުގަނޑުމެންގެ ހިތްތަކުގައި މި ހާދިސާގެ ވޭންތައް އަދިވެސް ދިރި ހުރޭ." އޭނާގެ ފިރިމީހާ ހިލްމީ އާއި 17 އަހަރުގެ ދަރިފުޅު ނަރްމިން ވެސް ވަނީ މި ގަތުލުއާންމުގައި ޝަހީދުކޮށްލާފައެވެ.

"އަޅުގަނޑުމެންގެ ދަރިން ޝަހީދުކޮށްލީ އދ.ގެ ރައްކާތެރިކަމުގެ ދަށުގައި ތިއްބައި، ކުށެއް ނެތް ހާލުގަ. ޔޫރަޕާއި ދުނިޔެއިން ތިބީ ކުޅިބަލަން" މުނީރާ ވިދާޅުވިއެވެ.

ހުކުރު ދުވަހު މި ގަބުރުސްތާނުގައި ދުއާކުރުންވެސް އޮތެވެ.

ހިއްސާ ކުރައްވާ!