ޓްރަމްޕާ ހެދި އެމެރިކާގެ ފަތުރުވެރިކަން ވަޅުޖެހިއްޖެ

އެމެރިކާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް އެންމެ މަތީގައި އުޅޭ އެއް ސިޓީއަކީ ފަތުރުވެރިންގެ އެންމެ މުހިންމު މަންޒިލު ކަމަށްވާ ޖުވާ ކުޅުމުގެ ފަތުރުވެރިކަން އޮންނަ ލަސްވެގަސްއެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އެ ސިޓީއަށް އިގްތިސާދީ ތަދުމަޑުކަމެއް އައިސްފައިވާ ކަމަށް ދައްކައެވެ.

އެމެރިކާގެ ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުގައި ލަސްވެގަސްގެ ސިޓީގެ މައި ސަރަހައްދުގައި ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ މިއަހަރު މޭ މަހު  5.5 އިންސައްތައަށް އިތުރުވެފައެވެ. އަދި، އޭޕްރީލް މަހު 5.2 އިންސައްތައަށް އިތުރުވެފައެވެ. ގައުމީ ފެންވަރުގައި އާބާދީ 1 މިލިއަން ހިމެނޭ ސިޓީ ސަރަހައްދުތަކުގައި ވަޒީފާ ނެތް މީހުން އުޅެނީ 4 ޕަސެންޓްގައެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޖުވާ ކުޅޭ ކެސިނޯ ހިންގުމުގެ ބޮޑު އިގްތިސާދެއް އޮންނަ މިސިޓީއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ދަށްވެފައި ވަނީ ޓްރަމްޕް ގައްޑާ ވެގެން ބޭރު މީހުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުންނެވެ.

ލަސްވެގަސް ކޮންވެންޝަން އެންޑް ވިޒިޓާސް އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ގާތްގަނޑަކަށް 16.5 މިލިއަން މީހުން ލަސްވެގަސްއަށް ޒިޔާރަތްކޮށްފައި ވެއެވެ. އެއީ، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7 އިންސައްތައިގެ ދަށްވުމެކެވެ.

ޔޫއެންއެލްވީގެ ސެންޓަރ ފޯ ބިޒްނަސް އެންޑް އިކޮނޮމިކް ރިސާޗުން ބުނާ ގޮތުގައި ލަސްވެގަސްގެ ވިޔަފާރިތަކުގެ އިތުބާރަށް ވެސް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. އަދި އެ ސިޓީގެ އިގްތިސާދަށް ކޮށްފައިވާ އަސަރަކީ، 16 އަހަރު ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ހީނަރު ވުމެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި ޓްރަމްޕް އިތުރު ޓެރިފްތައް ނެގުމަށް ދިމާކޮށްފައިވާތީ އިގްތިސާދު އިތުރަށް ވަޅުޖެހުމުގެ ބިރު ބޮޑެވެ.

ކޮވިޑް-19 ގެ ފަހުން ލަސްވެގަސްގެ ވިޔަފާރި ކޮންމެވެސް ވަރަކަށް ރަނގަޅުވި އެވެ. ކޯވިޑް ތެރޭގައި، 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ލަސްވެގަސްގައި ވަޒީފާނެތް މީހުންގެ ނިސްބަތް  33.3 އިންސައްތަ އަށް އުފުލިގެން ދިޔައެވެ. އަދިވެސް ލަސްވެގަސްގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ ލިބުމުގައި ދަތިތަކެއް ދިމާވެފައި ވެއެވެ.

ހިއްސާ ކުރައްވާ!