އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންނަން އުޅުނު ރިއާސީ އިންތިޚާބު ބާޠިލުކޮށް ބަޣާވާތް ކުރުމާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރުމުގައި މަސައްކަތްކުރި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.
އެމެރިކާގެ އެޓާނީ ޖެނެރަލް ޕޭމް ބޯންޑީ، ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ފަސް މަސްދަރަކުން މައުލޫމާތު ދީފިއެވެ. މި މުވައްޒަފުންނަކީ ޚާއްސަ ގާނޫނީ ވަކީލު ޖެކް ސްމިތުއާ އެކު، ރައީސް ޑޮނަލްޑް ޓްރަމްޕް ދައުލަތުގެ ސިއްރު ޑޮކިއުމެންޓްތައް އަމިއްލަ ގެއަށް ގެންގސް ބެހެއްޓެވި މައްސަލައާއި 2020 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ކުރެއްވި ބަޣާވާތް މަސައްކަތްތައް ތަހުގީގުކުރުމުގައި މަސައްކަތްކުރި ބައެކެވެ.
އެއް މަސްދަރަކުން ބުނި ގޮތުގައި، ޖެކް ސްމިތުއާ ގުޅުންހުރި ތަހުގީގުގައި މަސައްކަތްކުރި ގާތްގަނޑަކަށް 20 ވަރަކަށް ވަކީލުންނާއި ސަޕޯޓް ސްޓާފުންނާއި ފުލުހުންގެ އޮފިޝަލުން ވަނީ ވަޒީފާއިން ކަނޑާލާފައެވެ.
ޖެނުއަރީ މަހުން ފެށިގެން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ވަނީ ޓްރަމްޕް ނުވަތަ އޭނާގެ ސަޕޯޓަރުންގެ މައްސަލަތައް ބެލި މުވައްޒަފުން ވަކިކުރަން މަސައްކަތް ފަށާފައެވެ.
ވަކީލު ޖެކް ސްމިތު ވަނީ 2023 ވަނަ އަހަރު ޓްރަމްޕާ ދެކޮޅަށް ދެ ޖިނައީ މައްސަލައެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ގާނޫނާ ޚިލާފަށް ގައުމީ ސަލާމަތާ ގުޅުންހުރި ލިޔެކިޔުންތައް ބައްކުރުމުގެ މައްސަލައާއި، 2020 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ އޮޅުވާލައި ބަޣާވާތް ކުރުމަށް ރޭވުން ހިމެނެއެވެ.




