މިރައީސަށް އަދި 8 އަހަރު ފަހުން 100 އަހަރު ވާނެއެވެ. އަދި ވެރިކަން ކުރައްވާތާ ބައިގަރުނުވާން ދެން އޮތީ އެންމެ 10 އަހަރެވެ. 20 ވަނަ ގަރުނުގައި ޒުވާނެއްގެ ގޮތުގައި އުޅުއްވި ޕައުލް ބިއާ، 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީ ބޭނުން ކުރައްވައިގެން އިއުލާން ކުރެއްވީ އަދިވެސް ރައްޔިތުންނަށް ޚިދުމަތްކޮށްކޮށް ހިތް ނުފުރޭ ކަމަށެވެ.
ރާއްޖެއަށް ޗުއްޓީ ހޭދަ ކުރެއްވުމަށް ވަޑައިގަތުމަށް ފަހު ޕިޔާ ވަނީ މިދިޔަ އަހަރު ބަޔާޅީސް ދުވަސް ވަންދެން ވީނުވީއެއް ނޭނގި ގެއްލިފައެވެ. ބައެއް ފަރާތްތަކުން ބުނީ ގަނޑުވަރުގައި އާލަސްކަންފުޅުގައި އެނދުމަތި ކުރެވުނީ ކަމަށެވެ. އަނެއް ބަޔަކު ބުނީ ސުއިޒަރލެންޑްގައި ބޮޓޮކޮސް ޖައްސަވަން ވަޑައިގެން އުޅުއްވަނީ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 12 ވަނަ ދުވަހު އޮންނައިރު ޕައުލް ބިޔާއަށް ކޮންމެވެސް ވަރެއްގެ އުދަގުލަކާ ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް 40 އަހަރު ދުވަހުގެ ވެރިކަމުގެ ތަޖުރިބާއާއެކު ކުޑަ ކާފާއި ބޮޑު ކާފު ބޭނުން ކުރައްވައިގެން އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވުން ދުރެއް ނޫނެވެ.
ބިޔާ ވެރކަމަށް ވަޑައިގަތީ 1982 ވަނަ އަހަރު ކުރީގެ ރައީސް އަހުމަދު އަހިދުޖޯ އިސްތިއުފާ ދެއްވުމުންނެވެ. ކެތޮލިކެއް ކަމަށްވާ ބިއާ ހުންނެވީ އަހުމަދު އަހިދޯޖޯގެ ސަރުކާރުގެ ނާއިބް ރައީސްގެ މަގާމުގައެވެ.
ކެމެރޫންގެ އާބާދީގެ 30 އިންސައްތައަކީ މުސްލިމުންނެވެ.
ފާއިތުވި ހަފްތާތަކުގައި ބިޔާގެ އިސް ދެ ސަޕޯޓަރަކު ވަނީ ސަރުކާރުން އިސްތިއުފާ ދެއްވައި އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ.
އެމްޕްލޯއިމަންޓް މިނިސްޓަރު އީސާ ޗިރޯމާ ބަކްރީ ވަނީ އޭނާގެ ފްރަންޓް ފޯ ދަ ނޭޝަނަލް ސެލްވޭޝަން އޮފް ކެމަރޫން ގެ ފަރާތުން ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވަމުން ސަރުކާރުން އސްތިއުފާ ދެއްވާފައެވެ. އަދި 30 އަހަރު ވަންދެން ބިޔާގެ އެކުވެރިއެއް ކަމަށްވާ ކުރީގެ ބޮޑުވަޒީރު ބެލޯ ބައުބާ މައިގާރީ ވަނީ ނޭޝަނަލް ޔޫނިއަން ފޯ ޑިމޮކްރަސީ އެންޑް ޕްރޮގްރެސް އިން ވާދަ ކުރަން ނިންމަވާފައެވެ.





