އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އެހޫދު އޮލްމާޓު ވިދާޅުވީ، ޣައްޒާގެ މީހުން ކަށިނަރު ދަމައިގެން ބަންދުކުރުމަށް ރަފަޙުގައި ޔަހޫދީން ހަދަމުންދާ ކޭމްޕަކީ 'ކޮންސެންޓްރޭޝަން ކޭމްޕެއް' ކަމަށެވެ. މިފަދަ ކޭމްޕެއް ގާއިމުކުރަން އުޅޭތީ އޮލްމާޓާއި ޔޫރަޕްގެ ގިނަ ލީޑަރުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރި ކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅިގެން އަދި އަރަބި ގައުމުތަކުގެ ފަރާތުން ރަސްމީ ބަހެއް ބުނެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ޔަހޫދީން މި ކޭމްޕަށް ނަންދީފައިވަނީ ޣައްޒާގެ ދެކުނުގައި ހަދާ "އިންސާނީ އެހީގެ ސިޓީއެއް" ކަމަށެވެ. ނަމަވެސް ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ ފަހަތުގައިވާ އިޒްރޭލާއި، އެ ޖަރީމާތަކަށް ވާގިވެރިވާ އެމެރިކާއިން އެހީ ދިނުމުގެ މަސައްކަތްވެސް ކުރަމުންދަނީ ކުލީ ސިފައިން މެދުވެރިކޮށެވެ.
އޮލްމާޓަކީ ޣައްޒާގައި އިޒްރޭލުން ހިންގާ ހަނގުރާމައަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ، އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ބޭފުޅެކެވެ. "ދަ ގާޑިއަން" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވަނީ ރަފަޙުގައި ހަދާ ތަނަކީ ކޮންސެންޓްރޭޝަން ކޭމްޕެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރަފަޙުގައި މިހަދާ ކޮންސެންޓްރޭޝަން ކޭމްޕަކީ، ޔަހޫދީންގެ ދިފާއީ ވަޒީރު އިޒްރޭލް ކާޓްޒް އިސްކޮށް ހުންނަވައިގެން ހިންގާ ޖަރީމާއެކެވެ. މި ކޮންސެންޓްރޭޝަން ކޭމްޕް ޑިޒައިންކޮށްފައި ވަނީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީން ޔަހޫދީން ޕޮލެންޑްގައި ބަންދުކޮށްގެން ގެންގުޅުނު ފަދަ މޮޑެލްއަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
ޔަހޫދީންގެ ނިޔަތަކީ، ޣައްޒާގެ ދެކުނުގައިވާ އަލް-މުވާސީ ސަރަހައްދުގައި ދިރިއުޅޭ ގާތްގަނޑަކަށް 6 ލައްކަ ފަލަސްތީނު ރައްޔިތުން ސެކިއުރިޓީ ޗެކްތަކަށްފަހު މި ކޮންސެންޓްރޭޝަން ކޭމްޕްގައި ބަންދުކޮށްފައި ބައިތިއްބުމެވެ. ޔަހޫދީންގެ ދިފާއީ ވަޒީރު ކާޓްޒް ބުނެފައި ވަނީ އެ ކޮންސެންޓްރޭޝަން ކޭމްޕަށް ވެއްދުމަށްފަހު އެމީހުންނަށް އެތަނުން ނިކުމެގެން ނުދެވޭނެ ކަމަށެވެ.
"ދަ ގާޑިއަން" ނޫހާ ވާހަކަ ދައްކަވަމުން އޮލްމާޓް ވަނީ މި ކޮންސެންޓްރޭޝަން ކޭމްޕަށް މީހުން ބަދަލު ކުރުމަކީ ނަސްލު ސާފުކޮށްލުމުގެ އަމަލެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އެހެން ގޮތަކަށް އެކަން މާނަނުކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.





