އެމެރިކާއިން އެހީތައް ނައްތާލަނީ

އެމެރިކާގެ ބޭރުގެ އެހީ ދިނުމުގެ އެންމެ ބޮޑު އިދާރާ ކަމަށްވާ ޔޫ.އެސް.އޭ.އައި.ޑީ އިން ދޭން އުޅުނު ގާތްގަނޑަކަށް 500 މެޓްރިކް ޓަނުގެ ކުއްލި ކާނާ ނައްތާލަން ނިންމައިފިއެވެ. މި ކާނާ އަކީ ޣައްޒާގެ ގާތްގަނޑަކަށް 1.5 މިލިއަން ކުޑަކުދިންނަށް ހަފްތާއެއްހާ ދުވަހަށް ފުދޭވަރުގެ މިންވަރެކެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެމުން އެ މުވައްޒަފުން ބުނި ގޮތުގައި، ޔޫ.އެސް.އޭ.އައި.ޑީން ގާތްގަނޑަކަށް 800،000 އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ތައްޔާރުކޮށްފައިވާ ހައި އެނާޖީ ބިސްކޯދު ވެސް މިހާރުވަނީ ބޭނުންނުކުރެވި ގުދަނުގައި ހުރި އެއްޗިއްސަށް ވެފައެވެ.

މި ބިސްކޯދަކީ 5 އަހަރުން ދަށުގެ ކުދިންގެ ނިއުޓްރިޝަނަލް ބޭނުންތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ވަގުތީ ހައްލެކެވެ. މިއީ ގިނައިން ގުދުރަތީ ކާރިސާތަކުގައި ގެދޮރު ގެއްލިފައިވާ ނުވަތަ ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާންޖެހިފައިވާ ހާލަތްތަކުގައި ބޭނުންކުރެވޭ އެއްޗެކެވެ.

މި ހާލަތަށް މެދުވެރިވީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ބޭރުގެ އެހީގެ ޕްރޮގްރާމްތައް ހުއްޓުވުމަށް ނެރުނު އެގްޒެކެޓިވް އަމުރަށްފަހުއެވެ. އެ އަމުރު ނެރުމާ ގުޅިގެން، ޔޫ.އެސް.އޭ.އައި.ޑީގެ ފެޑެރަލް މަސައްކަތްތެރިން ވަނީ އެ އިދާރާގެ އައު ސިޔާސީ ލީޑަރުންނަށް ތަކުރާރުކޮށް މި އެހީތައް ދޫކުރުމަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ބޭރުގެ އެހީގެ އައު ވެރިންގެ ހުއްދައަކާ ނުލައި އެއްވެސް ފައިސާއެއް ނުވަތަ އެހީގެ އެއްޗެއް ދޫކުރުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫނެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، އެހީގެ އެއްޗެތި ބޭނުންވާ ފަރާތްތަކަށް ނުލިބުމުން ބައެއް އޮފިޝަލުން ވަނީ މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުންވެ ހިތާމަ ކުރަންޖެހިދާނެ ކަމަށް އިންޒާރު ދީފައެވެ.

 

ހިއްސާ ކުރައްވާ!