އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ލައިބްރަރީ ގާއިމް ކުރެއްވުމަށްޓަކައި މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ރިޝްވަތު ހޯއްދަވަމުންދާ ކަމުގެ ތުހުމަތުތަކެއް ކުރެވި، އެކަމާ ދެކޮޅަށް ގާނޫނެއް ފާސްކުރުމުގެ މަސައްކަތް އެމެރިކާގެ ކޮންގްރެސްގައި ފަށައިފިއެވެ. މި ގާނޫނު ތައާރަފް ކުރުމުގެ މަސައްކަތުގައި ދެ ސެނެޓަރުންނާއި ތިން ހައުސް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މެސެޗުސެޓްސްގެ ސެނެޓަރު އެލިޒަބަތު ވޮރެން ވިދާޅުވީ، "ޑޮނަލްޑް ޓްރަމްޕް އަދިވެސް ވެރިކަމުގައި ހުންނަވައިގެން އޭނާގެ ރިޔާސީ ލައިބްރަރީ ރިޝްވަތުގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރައްވަނީ" ކަމަށެވެ. ކޮނެކްޓިކަޓްގެ ސެނެޓަރު ރިޗާޑް ބްލޫމެންތަލްއާ އެކު، ރިޔާސީ ލައިބްރަރީ ބިނާކުރުމަށް ރިޝްވަތު ނުނެގޭ ގޮތަށް ގާނޫނެއް ތައާރަފް ކުރުމަށް ވޮރެން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ވޮރެން އިތުރަށް ވިދާޅުވީ، "ޓްރަމްޕްގެ މުސްތަގުބަލުގެ ލައިބްރަރީއަށް ހޯދާ ގިނަ ހަދިޔާތަކަކީ ސީދާ ޓްރަމްޕްގެ ފަރާތުން ކަންކަމަށް އެދެން ބޭނުންވާ ކުންފުނިތަކާއި ޚާއްސަ މަސްލަހަތު ހިމެނޭ ފަރާތުން ހޯދާ ހަދިޔާތަކެއް" ކަމަށެވެ. އަދި މިވަގުތު މިފަދަ ކަންކަން ހުއްޓުވުމަށް އެއްވެސް ގަވާއިދެއް ނެތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ތުހުމަތުތައް އާންމުވެފައިވާއިރު، ޓްރަމްޕާއި އެމަނިކުފާނުގެ އައުލާދު ގެންދަވަނީ ޓްރަމްޕްގެ ލައިބްރަރީއަށް ވީހާވެސް ގިނައިން ފައިސާ ހޯދުމަށް ބުރަ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، ފައިސާ ހޯދުމަށްޓަކައި އެމީހުން ވަނީ ސިލްސިލާ އިއުލާންތަކެއްވެސް ކޮށްފައެވެ.
ތުހުމަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ކަމަކީ، ޓްރަމްޕް އެމަނިކުފާނުގެ އަބުރާ ބެހޭ ބޮޑެތި ކުންފުނިތަކާ ދެކޮޅަށް ދައުވާކޮށް، އެފަރާތްތަކުން ރިޔާސީ ލައިބްރަރީއަށް ޗަންދާ ހޯދުމަށްފަހު ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރައްވަމުންދާ ކަމެވެ. މިގޮތުން، މެޓާ، އޭބީސީ ނިއުސް، އެކްސް (ކުރިން ޓްވިޓާ) އަދި ޕެރަމައުންޓު ކުންފުންޏާ ދެކޮޅަށް ކުރި 4 ދައުވާގައި، ގާތްގަނޑަކަށް 63 މިލިއަން ޑޮލަރުގެ ޗަންދާއެއް ލައިބްރަރީއަށް ހޯދާފައިވާ ކަމަށް ލަފާކުރެވެއެވެ.
ސެނެޓަރ ވޮރެން އާއި ބްލޫމެންތަލްގެ އިތުރުން، ދަށު ގޭގެ ތިން މެންބަރުން ކަމަށްވާ ޖަރޑް މޮސްކޯވިޓްސް، މެލާނީ ސްޓެންސްބަރީ އަދި ޖޭމީ ރަސްކިން ދަނީ ރިޔާސީ ލައިބްރަރީތަކަށް ފައިސާ ހޯދުން ދެފުށްފެންނަ ގޮތަށް ހެދުމަށް ގާނޫނު ތައާރަފް ކުރުމުގައި ބައިވެރިވަމުންނެވެ. މި ގާނޫނުގެ މަގުސަދަކީ، ކުރިއަށް އޮތް ތަނުގައި ރިޔާސީ ލައިބްރަރީތަކަށް ފައިސާ ހޯދުމުގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމާއި، މިފަދަ ކަންކަން ހިނގާ ގޮތް އިތުރަށް ސާފުކުރުމެވެ.
މިހާރު ހުށަހަޅާފައިވާ ބިލުގައި ހިމެނޭ މުހިންމު ކަންކަމަކީ:
ރައީސް މަގާމުގައި ހުންނަވާއިރު 10،000 ޑޮލަރަށް ވުރެން ބޮޑު ޗަންދާއެއް ނު ދެވޭނެއެވެ.
200 ޑޮލަރު ނުވަތަ އެއަށްވުރެ ގިނައިން ލިބޭނަމަ ކޮންމެ 4 މަހަކު އެކަން އިއުލާން ކުރަންވާނެއެވެ.
ދައުރު ނިމުމުން ދެ އަހަރު ވަންދެން ބޭރު ގައުމެއްގެ ބަޔެއްގެ އަތުން ނޫނީ ރައްޔިތެއް ނޫނީ ސަރުކާރަށް މަސައްކަތް ކޮށްދޭ ކުންފުންޏެއްގެ އަތުން ނޫނީ ރައީސްގެ ދައުރުގައި މައާފް ދިން މީހެއްގެ އަތުން އެއްވެސް ހަދިޔާއެއް ޗަންދާއެއް ރިއާސީ ލައިބްރަރީއަށް ބަލައި ނުގަނެވޭނެއެވެ.
ލައިބްރަރީއަށް ލިބޭ ހަދިޔާތައް އަމިއްލަ ހަރަދުތަކަށް ބޭނުންކުރުން މަނާ ވާނެއެވެ.
ޓްރަމްޕް ވަނީ ގޮތް ނޭނގޭ ގޮތަށްވެސް މިހާތަނަށް އޭނާގެ ރިއާސީ ލައިބްރަރީއަށް ގިނަ ފައިސާ ހޯދާފައެވެ. މިސާލަކަށް ޓްރަމްޕް-ވެންސްގެ ހުވައި ކުރާ ޖަލްސާ ބޭއްވުމަށް ބޮޑެތި ވިޔަފާރިވެރިން އަތުން ހޯދި ޗަންދާގެ 239 މިލިއަން ޑޮލަރުން ބާކީވި ފައިސާވެސް ޓްރަމްޕް ވަނީ ރިއާސީ ލައިބްރަރީއަށް ކަމަށް ބުނެ ފޮރުވާފައެވެ.
މިފައިސާއަކީ، އެމެޒޯން، އޮޕަންއޭ، އެޕަލް އަދި އޫބާ ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކާއި ސީއީއޯއިން ޓްރަމްޕް ރުއްސަން ދިން ފައިސާއެވެ.
އެމެރިކާގެ ރިޔާސީ ލައިބްރަރީތައް: ތާރީޚާއި ހިޔާލު ތަފާތުވުންތައް
އެމެރިކާގެ ސިޔާސީ ނިޒާމުގައި ރިޔާސީ ލައިބްރަރީތަކަކީ ވަރަށް ޚާއްސަ ދައުރެއް އަދާކުރާ މުއައްސަސާތަކެކެވެ. މި ލައިބްރަރީތަކަކީ، އެމެރިކާގެ ރައީސުން އެބޭފުޅުންގެ ވެރިކަމުގެ ދައުރުގައި ކުރެއްވި މަސައްކަތްތަކާއި، ނިންމެވި ނިންމެވުންތަކުގެ ރިކޯޑުތައް، ތާރީޚީ ލިޔެކިޔުންތަކާއި، ހެދުންތައް އަދި އެހެނިހެން ތަކެތި ރައްކާކޮށް، ދިރާސާކުރުމަށް ފަހިކޮށްދޭ ތަންތަނެވެ. މި ލައިބްރަރީތައް އުފެއްދުމުގެ މަސައްކަތް ބައެއް ރައީސުން ފަށަނީ ވެރިކަމުގައި ތިއްބަވައިގެންނެވެ.
ކުރީގެ ރައީސް ބަރަކް އޮބާމާގެ ލައިބްރަރީ، ޝިކާގޯގައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ އޮބާމާ ޕްރެޒިޑެންޝަލް ފައުންޑޭޝަން އުފެދުނީ އޮބާމާގެ ދެވަނަ ދައުރު ފެށިތާ އަހަރެއްހާ ދުވަސް ފަހުން 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މި ފައުންޑޭޝަނުން ބުނެފައިވާ ގޮތުގައި މި ލައިބްރަރީ ހެދުމަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. މީގެ އިތުރަށް، ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ލައިބްރަރީ ފައުންޑޭޝަނުން ފައިސާ ހޯދުމުގެ މަސައްކަތް ފެށީ 2009 ވަނަ އަހަރު، އެމަނިކުފާނު މަގާމުން ވަކިވެވަޑައިގަތުމަށް ފަހުއެވެ. މި ފައުންޑޭޝަނުން ހޯދި ޗަންދާ 250 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. ޑަލަސްގެ ސަދަން މެތޮޑިސްޓް ޔުނިވަރސިޓީގެ ކެމްޕަހުގައި ހުންނަ ޖޯޖް ޑަބްލިއު ބުޝް ޕްރެޒިޑެންޝަލް ސެންޓަރު 2013 ވަނަ އަހަރު ވަނީ ހުޅުވާފައެވެ.
މެރިކާގެ އެންމެ ފުރަތަމަ ރިޔާސީ ލައިބްރަރީ އުފެއްދެވީ ރައީސް ފްރެންކްލިން ޑީ ރޫޒްވެލްޓް، 1938 ވަނަ އަހަރުއެވެ.
މި ރިޔާސީ ލައިބްރަރީތައް ބިނާކުރަނީ ރައީސުންނާ ގުޅުންހުރި ބޮޑެތި ކުންފުނިތަކާއި، ފަރުދުންގެ ކިބައިން ފައިސާ ހޯދައިގެންނެވެ. މީގެ އިތުރުން، ލޯކަލް ގަވަރމަންޓްތަކާއި ޔުނިވަރސިޓީތައްވެސް މިކަމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ލައިބްރަރީތައް ގާއިމްކުރުމަށްފަހު، އެތަންތަން ބެލެހެއްޓުން ހަވާލުކުރަނީ އެމެރިކާ ސަރުކާރާއެވެ. އެތަންތާނގައި ރިޔާސީ ދައުރުގައި މުއާމަލާތުކޮށްފައިވާ ލިޔެކިޔުންތައް ރައްކާތެރިކޮށް، ލައިބްރަރީގެ އޮނިގަނޑާ އެއްގޮތަށް ކޮންގްރެސްއިން ކަނޑައަޅާ ބަޖެޓުން އެމެރިކާގެ ގައުމީ އަރުޝީފާ ބެހޭ އިދާރާއިން ޚަރަދުކޮށް ބަލަހައްޓައެވެ.
ރިޔާސީ ލައިބްރަރީތައް ބިނާކުރުމުގެ މުހިއްމުކަމާއެކުވެސް، މިކަމާ ގުޅިގެން ނާޖާއިޒު ގޮތްގޮތަށް ޗަންދާ (ރިޝްވަތު) ހޯދުމުގެ މައްސަލަތައް މީގެ ކުރިންވެސް އާންމުކޮށް ދިމާވެފައިވެއެވެ. މިކަމުގައި އެންމެ މަޝްހޫރު ހާދިސާއަކީ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދައުރުގައި ހިނގި ކަންކަމެވެ.
ވައިޓްހައުސްގައި ވަގުތީ މުވައްޒަފު މޮނިކާ ލުއިންސްކީއާއެކު ބަދުއަޚުލާގީ އަމަލު ހިންގެވިކަމަށް ގާނޫނީ ވަކީލު ކެނެތު ސްޓާގެ ރިޕޯޓުގައި ސާބިތުކޮށްދެއްވި ރައީސް ކްލިންޓަން، ވަގުވިޔަފާރިއާއި 48 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާއަށް މަކަރު ހެދުމާއި ފައިސާ ދޮވުމާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ކުށްވެރިކޮށްފައިވާ ބިލިއަނަރު މާކް ރިޗްއަށް 2001ގެ ޖަނަވަރީ މަހު، ރިޔާސަތުން ވަކިވުމުގެ ގަޑިއެއްހައި އިރުކުރިން މައާފް ދެއްވިއެވެ. ގާތްގަނޑަކަށް 50ހަކަށް ދައުވާ އުފުލައި ކުށްވެރިކޮށްފައިވާ މިމީހާ ވަނީ ކްލިންޓަންގެ ރިޔާސީ ލައިބްރަރީ ހެދުމަށް 5 ލައްކަ ޑޮލަރު ހަދިޔާކޮށްފައެވެ. އަދި ފަހުން ކްލިންޓަންގެ އަނބިކަނބަލުން ރިޔާސަތަށް ކުރިމަތިލުމުން ކެމްޕޭނަށް 1 ލައްކަ ޑޮލަރު ހަދިޔާކޮށްފައެވެ.
ކްލިންޓަންގެ ފަހުން ވެރިކަން ކުރެއްވި ރައީސް ބުޝްގެ ވައިޓްހައުސްގައި 2008 ވަނަ އަހަރު އޭނާގެ ރިޔާސީ ލައިބްރަރީ ހެދުމަށް މީހެއްގެ އަތުން ރިޝްވަތު ހޯދަން އޭނާގެ ގާތްފަރާތަކުން ދެއްކި ވާހަކައިގެ ވީޑިއޯއެއް އޭބީސީނިއުސްއިން ފާއްދާލައި އެކަން ހުއްޓުވިއެވެ. މި ހާދިސާތަކުން ދައްކުވައިދެނީ ރިޔާސީ ލައިބްރަރީތަކަކީ އެމެރިކާގެ ތާރީޚާއި ސިޔާސީ ނިޒާމުގެ މުހިއްމު ބަޔަކަށް ވީ ނަމަވެސް، އެކަމުގައި ހިމެނޭ އެތިކަލް ގޮންޖެހުންތަކާއި ފާޑުކިޔުންތަކެވެ.




