ނ. ވެލިދޫގެ ތަރައްޤީއަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ނ. ވެލިދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ސިނާޢީ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތް: މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.

  • އައު ހޮސްޕިޓަލުގެ ބިންގާ އެޅުން: މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

  • ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން: މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި ވެލިދޫ ކައުންސިލްގެ ރައީސްވެސް ވަނީ ބައިވެރިވެފައެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށާފައިވާ މަޝްރޫޢެކެވެ. ވެލިދޫގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.

  • ކޮމިއުނިޓީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުން: މި މަރުކަޒަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހެނިހެން ޕްރޮގްރާމްތައް ހިންގުމަށް ޤާއިމްކުރެވޭ މަރުކަޒެކެވެ. ވެލިދޫއާއި ކާށިދޫ އަދި ލ. ގަމުގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމު ފެށުމަށް ސަރުކާރުން ފަށާފައިވާ މަޝްރުޢޫގައި ހިމެނޭ ބައެކެވެ.

  • މީގެ އިތުރުން، ވެލިދޫގައި އޮޑިދޯނިފަހަރު ބޭލުމާއި ފައިބަރު މަސައްކަތްކުރުމަށް ރަށުގެ ހުޅަނގު ދެކުނު ފަރާތުން ބިން ހިއްކުމަށްފަހު އެ ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. ވެލިދޫ ސިނާއީ ސަރަޙަހައްދުގެ ބިންހިއްކުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، ކޮންސްޓްރަކްޝަން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވެލިދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ހިއްސާ ކުރައްވާ!