ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ރައީސުން މިއަދު ހަވީރު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށްފަހު، ގުޅިފައިވާ ބަޔާނެއް ނެރުއްވައިފިއެވެ.
މި ބަޔާނުގައި ދެ ޤައުމުގެ ދިގުދެމިފައިވާ ގުޅުންތަކުގެ މައްޗަށް އަލިއަޅުވައިލައްވައި، ތަފާތު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުންތައް ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އިންޑިއާ ކަނޑުން ގުޅިފައިވާ، ގާތް އަވަށްޓެރި ޤައުމުތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ މެދުގައި ޒަމާންވީ އެކުވެރިކަމެއް އޮތްއިރު، މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމާއި، އަދި މިއީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ ތާރީޚީ އަހަރު ކަމަށެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ ޖުލައި 26، 1965 ގައެވެ. ސްރީލަންކާ ހިމެނެނީ ދިވެހިރާއްޖެއާއި އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ ސްރީލަންކާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެއްވުމަށް، ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގައި، ވިލުންތެރި، ޝާމިލު އިޤްތިޞާދެއްގެ ގޮތުގައި ސްރީލަންކާގެ އިޤްތިޞާދު އިތުރަށް ހަރުދަނާވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމުގައިވެސް ފާހަގަކުރެއްވިއެވެ.
މިއަދު ބޭއްވެވި މަޝްވަރާތަކުގެ ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވިޔަފާރީގެ ދާއިރާއާއި، ދިފާޢީ ދާއިރާއާއި، ތަޢުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް 2 ފަރާތަށްވެސް ހުރި ފުރުޞަތުތައް ދެނެގަނެވިފައިވާކަމަށެވެ. އަދި ތަޢުލީމީ ދާއިރާގައި ސްރީލަންކާގެ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޤާބިލުކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގައި، ޢިލްމު ޙިއްޞާކުރުމާއި، ޢިލްމީ މުއައްސަސާތަކުގެ މެދުގައި ގާތް ގުޅުމެއް އުފައްދައި، އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުންވެސް އެއްބަސްވެވަޑައިގެންފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.
ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ދެއްކެވި ވާހަކަފުޅުގައި، ޘަޤާފީ ގުޅުންތައް ހިމެނޭހެން ޖަޒީރާ އަވަށްޓެރިންގެ ގޮތުގައި އޮތް 2 ޤައުމުގެ ހައިސިއްޔަތުން ގުޅިފައިވާ ގުޅުންތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފާޅުކުރެއްވި ޝުޢޫރުތައް ތަކުރާރުކުރެއްވިއެވެ. އެގޮތުން ތަޢުލީމާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ފަތުރުވެރިކަމާއި ދެމެހެއްޓެނިވި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އަޒުމުތަކަށް ތަޢުރީފުކުރައްވައި، އެފަދަ މޭރުމަކުން ސްރީލަންކާގައި ކުރިއަށްގެންދާ "ކްލީން ސްރީލަންކާ" ޕްރޮގްރާމްގެ ވާހަކަވެސް ރައީސް ޑިސަނާޔަކެ ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްރީލަންކާއަށް ވަޑައިގަތުމަށް ވެސް ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ވަނީ ދައުވަތު އަރުވާފައެވެ.
ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ދޭދޭ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކޮންސިއުލަރ ޚިދުމަތް އިތުރަށް ހަރުދަނާކޮށްދެއްވައި، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރެއްވުމުގެ އިތުރުން ޢިލްމު ހިއްސާކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގައި އެއް ޤައުމު، އަނެއް ޤައުމަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަންވެސް ދެ ޤައުމުގެ ލީޑަރުން ވަނީ ދެއްވާފައެވެ.




