އިޒްރޭލުގެ ނުލަފާ ދެ ވަޒީރުން ހޮލެންޑަށް ވަނުން މަނާކޮށްފި

ހޮލެންޑު ސަރުކާރުން ވަނީ އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ ދެ ވަޒީރުން ކަމަށްވާ އިޓަމާ ބެން ގްވީރް އާއި ބެޒާލެލް ސްމޮޓްރިޗްއަށް އެ ޤައުމުގެ ސަރަޙައްދަށް ވަނުން މަނާކޮށްފައެވެ.

އިޒްރޭލުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ވަޒީރުންނަށް ހޮލެންޑަށް ވަނުން މަނާކުރަން ނިންމާފައި ވަނީ، ނަސްލު ނައްތާލުމަށް މި ދެވެރިން ވާހަކަ ދައްކަމުން ގެންދާތީ އެވެ. އާދީއްތަ ދުވަހު މީޑިއާއާ ވާހަކަ ދައްކަމުން ބެން ގްވީރް ބުނެފައި ވަނީ ޣައްޒާއަށް ބޭނުންވަނީ ކާނާއެއް ނޫން ކަމަށާއި ޣައްޒާއަށް ބޭނުން ވަނީ ގިނަ އަދަދެއްގެ ބޮންތަކެއް ކަމަށެވެ. ޣައްޒާއަށް ކާނާ ހިފައިގެން ލޮރިތަކެއް ވަނުމަށް ހުއްދަ ދޭން ޔަހޫދީންގެ ސަރުކާރަށް މަޖުބޫރުވުމުން، ސްމޮރިޗް ވަނީ ނަތަންޔާހޫގެ ސަރުކާރުގައި އޭނާ މަގާމު އަދާކުރުމާ މެދު ވިސްނަމުންދާ ކަމަށް ބުނެ ނަތަންޔާހޫއަށް އިންޒާރު ދީފައެވެ.

ހޮލެންޑުން ވަނީ މިމީހުންގެ ނަސްލު ނައްތާލުމުގެ ވާހަކަތައް ކުށްވެރި ކުރުމުގެ ގޮތުން ހޮލެންޑްގައި ހުންނަ ޔަހޫދީންގެ ސަފީރު ގެނަސް އިހުތިޖާޖު ކުރުމަށް ވެސް ނިންމާފައެވެ.

ހިއްސާ ކުރައްވާ!