ޣައްޒާ އެންމެފަހު ނޭވާގައި: އުންރުވާގެ ރައީސް

ފަލަސްޠީނުގެ ޣައްޒާގައި މިހާރު ހިނގަމުންދާ ހާލަތަކީ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ފުރާނަ ކޮންމެ ސިކުންތަކާ އެކު ފޭރިގަނެމުންދާ ހާލަތެއް ކަމަށް، ފަލަސްޠީނު ރެފިއުޖީންނަށް އެހީތެރިވެދޭ އދގެ އެޖެންސީ އޮންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒާރިނީ ވިދާޅުވެއެވެ.

އާންމު ރައްޔިތުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ހިންގަމުން ގެންދާ ގަތުލުއާންމުތަކާއި ބޮޑެތި އަނިޔާތަކުގެ އިތުރުން، އެ ސަރަހައްދުގައި މީހުން ބަނޑަށް ޖެއްސުމުގެ ހާލަތާ މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފަލަސްޠީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށާއި ދެ ދައުލަތުގެ އުސޫލު ތަންފީޒު ކުރުމާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި، އޭނާގެ ޗީފް އޮފް ސްޓާފް މެދުވެރިކުރައްވައި އިއްވެވި ބަޔާނުގައި ލަޒާރިނީ ވިދާޅުވީ، "ކޮންމެ ދުވަހަކު ވެސް ރިޕޯޓުކުރެވޭ ހާދިސާތަކަށް އަޅުގަނޑުމެން ހައިރާން ވަމު. އެއީ އާންމު ރައްޔިތުނނަށް ފަރުވާލެއް ނުބަހައްޓައި އެމީހުން މަރާލައި، ބަނޑަށް ޖައްސަމުން ހިންގާ ޖަރީމާތަކެއް" ކަމަށެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޣައްޒާގައި ތިބި އޭނާގެ ޓީމާ ވީޑިއޯ މެދުވެރިކޮށް ވާހަކަ ދެއްކެވި ކަމަށާއި، އެމީހުން ޣައްޒާގެ ހާލަތު ސިފަކޮށް ދިނީ، "މީހުން ދިރިވެސް ނުތިބޭ އަދި މަރުވެސް ނުވާ؛ އެކަމަކު ހިނގާ ބިނގާ އުޅޭ މައްޔިތުން އުޅޭ ތަނެއްގެ ގޮތުގައި" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޣައްޒާގައި ހިސާރަ ކުރުމުގެ ތެރޭގައި ކުރީސަފުގައި މަސައްކަތްކުރާ އޮންރުވާގެ މުވައްޒަފުންނަށް ދުވާލަކު އެއްފަހަރުވެސް ކާން ނުލިބޭ ކަމަށާއި ބައެއް ފަހަރު ބަނޑުހައިހޫނުކަމާ ހެދި މަސައްކަތުގައި އުޅޭ އިރު ހޭނެތޭ ކަމަށެވެ.

ލަޒާރިނީ ފާހަގަކުރެއްވީ، ޣައްޒާގައި މަސައްކަތްކުރާ އޮންރުވާގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ވަރުބަލިކަމާއި، ކަންބޮޑުވުމާއި، އެކަނިވެރިކަމަކީ ކެތް ނުކުރެވޭ މިންވަރަށް އިތުރު ވެފައިވާ ކަމެއް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ކަންތައްތައް ސިފަކުރުމަށްޓަކައި ކުށްވެރިކުރުމުގެ ބަސްތަކުން އެކަނި ނުފުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި އަވަސް ފިޔަވަޅުތައް އެޅުމަށް ލަޒާރިނީ ވަނީ ގޮވާލައްވާފައެވެ.

ހިއްސާ ކުރައްވާ!