ދެ ދައުލަތުގެ ހައްލާ ބެހޭ ކޮންފަރެންސަށް އެމެރިކާގެ ފާޑު ކިޔުން

ފަލަސްޠީނު-އިސްރާއީލް މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ހޯދުމަށް ބާއްވާ ކޮންފަރެންސަށް އެމެރިކާގެ ޚާރިޖިއްޔާއިން، ފާޑުކިޔައިފި އެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައި ވަނީ މިފަދަ ކޮންފަރެންސްތަކަކީ ހަނގުރާމަ ދިގުދައްމާލާ އަދި ސުލްޙައިގެ މަސައްކަތްތަކަށް ހުރަސް އަޅާ ކަމެއް ކަމަށެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ، މިވަގުތު މި ކޮންފަރެންސް ބާއްވައިގެން މިއުޅެނީ ހަމައެކަނި "ޕްރޮޕެގަންޑާ ކުޅިގަނޑެއް" ކުޅުމަށް ކަމަށެވެ. އެއީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ މަސައްކަތްތަކަށް ހުރަސް އަޅަން ވެގެން ކުރާ ކަމެއް ކަމަށް އެމެރިކާއިން ދެކޭ ކަމަށް ބުނެފައި ވެއެވެ.

އަދި އެމެރިކާގެ ޚާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މި ކޮންފަރެންސަކީ ހަނގުރާމަ ދިގު ދެންމުމަށް ޙަމާސްއަށް ހިތްވަރު ލިބިގެންދާނެ ކަމެއް ކަމަށެވެ. މީގެ ސަބަބުން ސުލްޙައިގެ މަސައްކަތްތައް ހީނަރުވެ، ކުރިއަށް ނުގޮސް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެމެރިކާއިން ނެރެފައިޥާ ބަޔާނުގައި ބުނެފައި ވެއެވެ.

އެމެރިކާއަކީ ގަތުލުއާންމު ހިންގުމަށް އިޒްރޭލަށް ހަޔިތރާއި މާލީއެހީތެރިކަން ފޯރުކޮށްދޭ އިސް ގައުމެވެ.

ހިއްސާ ކުރައްވާ!