އޮސްކާރ ލިބުނު ފަލަސްޠީނުގެ ފިލްމަށް އެހީވެދިން މީހާ ޝަހީދުކޮށްލައިފި

ހިފާފައިވާ ހުޅަނގު އައްސޭރީގެ މަސާފިރު ޔާއްތާގެ އުންމުލްޚައިރު އަވަށުގައި، ޔަހޫދީ ސެޓްލަރަކު ވަނީ ފަލަސްޠީނުގެ މަޝްހޫރު އެކްޓިވިސްޓު އަދި މުދައްރިސެއް ކަމަށްވާ ޢޫދާ މުޙައްމަދު ހަދާލީން ޝަހީދުކޮށްފައެވެ. އޭނާއާއެކު މަސައްކަތް ކޮށްފައިވާ ނޫސްވެރިންނާއި އޮފިޝަލުންނާއި ނޫސްވެރިން ވަނީ އެކަން ޔަގީން ކޮށްދީފައެވެ. މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭގައެވެ.

މަރުވި ހަދާލީން އަކީ ފަލަސްޠީނުގެ ހައްގުތައް ދިފާޢުކުރުމަށް ހަރަކާތްތެރިވެފައިވާ ފަރާތެކެވެ. އޭނާ ވަނީ، ޔަހޫދީ ސެޓްލަރުންނާއި ސިފައިން މަސާފިރު ޔާއްތާގެ ފަލަސްޠީނު މުޖުތަމަޢަށް ދެމުންގެންދާ ހަމަލާތައް ދައްކުވައިދޭ، ފިލްމުގެ މަސައްކަތުގައި އެހީވެދީފައެވެ. އެފިލްމަކީ،  އޮސްކާ އެވޯޑް ލިބުނު ފިލްމު "ނޯ އަދަރ ލޭންޑް" އެވެ.

ފަލަސްޠީނުގެ ތަޢުލީމާބެހޭ ވުޒާރާއިން ހޯމަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ސެޓްލަރުން އުންމުލް ޚައިރު އަވަށަށް ދިން ހަމަލާ ގައި ހަދާލީން ޝަހީދުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ޚަލީލު އަވަށާ ކައިރީގައެވެ.

"ނޯ އަދަރ ލޭންޑް" ފިލްމުގެ ދެ އުފެއްދުންތެރިން ކަމަށްވާ، އިޒްރޭލު ނޫސްވެރިޔާ ޔޫވާލް އަބްރަހަމް އާއި ފަލަސްޠީނު ނޫސްވެރިޔާ ބާސެލް އަދްރާ ވެސް ވަނީ ހަދާލީން ޝަހީދު ކުރިކަން ކަށަވަރުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!