ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު، އަމީރު ފައިސަލް ބިން ފަރުހާން އާލްސައޫދު ވިދާޅުވަނީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވުމުން ނޫނީ ސައުދީ އަރަބިއްޔާއިން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ނުބާއްވާނެ ކަމަށެވެ.
އދ. ގައި ފްރާންސްގެ ދާއިމީ މަންދޫބު ޖީން-ނޯއެލް ބާރޯޓާއެކު ބޭއްވި ބައްދަލުވުމެއްގައި، ދެ ދައުލަތުގެ ހައްލާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަމީރު ފައިސަލް ވިދާޅުވީ، "ސައުދީ އަރަބިއްޔާގެ ސިޔާސަތު އެއް ގޮތަކަށް ދެމި އޮންނާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ފަލަސްތީނު ރައްޔިތުންނަށް އަމިއްލަ ނިންމުމުގެ ޝަރުޢީ ހައްގުތަކަށް ހައްލެއް ހޯދައިދިނުމުން ނޫނީ ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައާއި ހަގީގީ އެކުވެރިކަމެއް ގާއިމް ކުރެވިގެން ނުދާނެ ކަމަށެވެ"
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އަރަބި ގައުމުތަކާއި އިސްރާއީލާ ދެމެދު އެކުލަވާލާފައިވާ "އިބްރާހީމީ މުއާހަދާގައި" ސައުދީ އަރަބިއްޔާ ބައިވެރިވުމަށް އެމެރިކާއިން ގެން ދަނީ ބާރުއަޅަމުންނެވެ. ނަމަވެސް، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަމީރު މުހައްމަދު ބިން ސަލްމާން ވަނީ އެފަދަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ސައުދީ އަރަބިއްޔާއިން ޝަރުތުކުރާނެ ކަމަށް ވިދާޅުވެފައެވެ.






