އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރ އަދި މާލީ ވަޒީރު ބެޒެލް ސުމޮޓްރިޗް ބުނެފައި ވަނީ ހިލާލައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމު ވިޔަ ނުދޭނެ ކަމަށެވެ. އަދި އެމީހުން ބުނެފައި ވަނީ ޣައްޒާއަކީ އިޒްރޭލުން ވަކިނުކުރެވޭ ބައެއް ކަމަށާއި ނަތަންޔާހޫގެ މި ވެރިކަމުގައި އިޒްރޭލުން ފަލަސްޠިނު މީހުން ފައްސާލައި އެއްކޮށް ގައްޒާ ހިފާނެ ކަމަށެވެ.
އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރ މި ވާހަކަތައް ހާމަކޮށްފައި ވަނީ ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ދިޔައީ ނިއުޔޯކުގައި ހިނގަމުންދާ ދެ ދައުލަތުގެ ހައްލާ ބެހޭ ކޮންފަރެންސާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. އިޒްރޭލުގެ ޚާރިޖީ ވަޒީރު ބުނެފައި ވަނީ ޔަހޫދީންނަށް މިނިވަންކަން މުހިންމު ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
އިޒްރޭލު މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ މާލީ ވަޒީރު ބެޒެލް ސުމޮޓްރިޗް ވަނީ ޣައްޒާގައި ޔަހޫދީންގެ ބަސްތީތައް ބިނާކުރުމަކީ މިހާރު "ޙަޤީޤަތަކަށް ވާނެ ޕްލޭނެއް" ކަމަށް ބުނެފައެވެ. އަދި ނަތަންޔާހޫގެ ވެރިކަމުގައި ހުޅަނގު އައްސޭރި ވެސް އިޒްރޭލާ އެއްކޮށްލާނެ ކަމަށްވެސް އޭނާ ބުންޏެވެ.






