އެންމެ ގިނައިން އެމެރިކާއަށް ސްމާޓް ފޯނު ސަޕްލައި ކުރަނީ އިންޑިއާއިން

އެމެރިކާއަށް ސްމާޓްފޯނު އެންމެ ގިނައިން ސަޕްލައިކުރާ ޤައުމުގެ ގޮތުގައި އިންޑިއާ ވެއްޖެއެވެ. އިންޑިއާ ވަނީ ޗައިނާ ފަހަތަށް ޖައްސާލައި، ފުރަތަމަ ފަހަރަށް އެ މަޤާމު ހޯދާފައެވެ. މި ކާމިޔާބީ ހޯދުމުގައި އެޕަލްގެ ދައުރު ވަރަށް ބޮޑެވެ. މާކެޓް ރިސާރޗް ފާމެއް ކަމަށްވާ ކެނަލިސް ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އިންޑިއާގައި އުފައްދާ ސްމާޓްފޯނުތަކުގެ ޝިޕްމަންޓް އެމެރިކާއަށް އެތެރެ ކުރުން 240 އިންސައްތައަށް އިތުރުވެފައިވެއެވެ. މި މުއްދަތުގައި އެމެރިކާއަށް ފޮނުވާ ހުރިހާ ސްމާޓްފޯނުތަކުގެ ތެރެއިން 44 އިންސައްތަ ހިއްސާ ކޮށްފައި ވަނީ އިންޑިއާގައި އުފައްދާ ފޯނުތަކެވެ.

ޗައިނާގެ ހިއްސާ ވަނީ ދަށްވެ 25 އިންސައްތައަށް ވެއްޓިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 61 އިންސައްތައިގެ ދަށްވުމެކެވެ. މި ބަދަލު އައިސްފައިވަނީ ސަޕްލައި ޗޭން ބަދަލުވުމާއި، ވިޔަފާރީގެ ގުޅުންތަކުގައި އުފެދިފައިވާ ކޯޅުންތަކާއި، އެމެރިކާގެ ޑިމާންޑް ފުއްދުމަށް އެޕަލްއިން އިންޑިއާގެ ފެކްޓަރީތަކަށް ބަރޯސާވުން އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އެޕަލްއިން ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގައި އުފެއްދުންތެރިކަމުގެ ބިންގާ ވަރުގަދަކުރަމުން އައިސްފައި ވެއެވެ. އެ މަސައްކަތުގެ ނަތީޖާ މިހާރު ދަނީ ސާފުކޮށް ފެންނަމުންނެވެ. ކެނަލިސްގެ ޕްރިންސިޕަލް އެނަލިސްޓް ސަންޔަމް ޗައުރަޝިއާ ވިދާޅުވި ގޮތުގައި، "2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި، އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ޔަޤީންކަން ނެތުމުން އެޕަލްއިން އިންޑިއާއަށް ބަދަލުވުން އަވަސް ކުރުމުގެ ސަބަބުން، އެމެރިކާގައި ވިއްކާ ސްމާޓްފޯނުތައް އުފެއްދުމުގެ އެންމެ ކުރީގައި އޮތް ގައުމަކަށް އިންޑިއާ ވެގެން ދިޔައީއެވެ."

ހިއްސާ ކުރައްވާ!